ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން މިހާތަނަށް 325 މީހުން ދޫކޮށްލާފައިވާ ކަމަށް ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ކަރަންޓީންގައި ބައިތިއްބާ މީހުން ހަމަޖެހިފައިވާ މުއްދަތަށްފަހު ދޫކޮށްލަމުންދާ ކަމަށެވެ. އަދި އެމީހުން ދޫކޮށްލަނީ ކަރަންޓީން މުއްދަތު ހަމަވެ، ޓެސްޓްތައް ހެދުމަށްފަހު ދެ ފަހަރު ހެދި ޓެސްޓް ވެސް ނެގެޓިވެގެނެވެ.
މަބުރޫކް ވިދާޅުވީ މިއަދުގެ މިހާތަނަށް 325 މީހަކު ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިއަދު ދޫކޮށްލި 28 މީހުންވެސް ހިމެނެއެވެ.
މީގެ އިތުރުން މިހާރުވެސް ދޫކޮށްލަން ތައްޔާރުވެފައިވާ 200 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ. އެމީހުން ދޫކޮށްލާނީ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމައެވެ.
ކަރަންޓީން ފެސިލިޓީތަކުގައި ތިބި ގިނަ އަދަދެއްގެ މީހުން ދޫކޮށްލާފައިވީނަމަވެސް އިތުރު އެތައް ބަޔަކު ވަނީ ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައެވެ. އެއީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިޔާއިން އައި ދިވެހިންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ސްރީލަންކާއިން އައި 100 މީހުންނާ، އިންޑިއާއިން ގެނައި 200 މީހުންގެ އިތުރުން މެލޭޝިޔާއިން ގެނައި 197 މީހުންނެވެ.
މިވަގުތު އެޗްޕީއޭއިން މޮނިޓާ ކުރަމުންދަނީ ހަތަރު ރިސޯޓާ، ދެ ސަފާރީއެވެ. އެއީ ޖޯލި މޯލްޑިވްސް، ބޮޑުފުށި، ވެލައްސަރު އަދި ސެވަން ކޮރަލްގެ އިތުރުން މޯލްޑިވިއާނާ ސަފާރީ އަދި އައިލެންޑް ސަފާރީއެވެ.