ކޮރޯނާވައިރަސްގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު ބަލީގެ ވައިރަސް އަރާފާނެ ހުރިހާ ކަމަކާ ދުރުވާން ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އާއްމުންނަށް ދޭ ގިނަ ޚިދުމަތްތައް މި ވަގުތު ދިނުން ހުއްޓާލާފައިވާއިރު ބޭންކް ކަހަލަ ޚާއްސަ ޚިދުމަތްތައް ދޭ ބައެއް ތަންތަން ކޮންމެވެސް ވަރަކަށް ހުޅުވައި ޚިދުމަތް ދެމުން ދެއެވެ.
އިންޑީއާގެ ގުޖްރާތުގެ ބެންކެއް ހުޅުވައިގެން ޚިދުމަތް ދެމުން ދިޔައިރު އެތަނުގައި ޗެކް ބަލައިގަންނަން އިން ކޭޝިއަރު އޭނާ ބަލައިގަންނަ ޗެކްތައް އިސްތިރި ކުރާ މަންޒަރު ފެންނަ ވީޑިއޯއަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް މިހާރުވަނީ ލިބިފަ އެވެ.
މި ވީޑިއޯގައި ފެންނަނީ ބޭންކް ތެރޭގައި ހުރި މީހަކު ކުޑަދޮރަކުން ކޭޝިއަރަށް ޗެކް ދިއްކުރާ މަންޒަރެވެ. މާސްކް އަޅައި އަންގި ލައްވައިގެން އިން އެ ކޭޝިއަރު ޗެކްގައި ހިފަނީ ވެސް ގިނަފައްޗެއް ކަހަލަ އެއްޗަކުންނެވެ. އަދި މޭޒުމަތީގައި ޗެކް ބާއްވާފައި ސްޓީމް އިސްތިރިއަކުން ޗެކް އިސްތިރިކޮށް އެ ޗެކް ޑިސްއިންފެކްޓް ކުރެ އެވެ.
ޓުވިޓާގައި މި ވީޑިއޯ ޝެއާކޮށްފައިވަނީ އިންޑިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ އާނަންދު މެހެންދުރަ އެވެ. އޭނާ ލިޔެފައިވާ ގޮތުގައި ކޭޝިއަރުގެ މި ޓެކްނިކް އަކީ ކިހާ ވަރެއްގެ އެދެވޭ އަސަރެއް ކުރާނެ ކަމެއް ކަމެއް އޭނާއަކަށް ޔަގީނެއް ނޫނެވެ. ނަމަވެސް އޭނާގެ މި ކްރިއޭޓިވިޓީއަށް ކްރެޑިޓް ދޭން ޖެހެ އެވެ.
މި ވީޑިއޯ އަށް އެތައް ހާސް ބަޔަކު ކޮމެންޓްކޮށްފައި ވެއެވެ. އެއްބަޔަކު މިކަން ވަރަށް މަޖާ ކަމަކަށް ވެގެން އުޅުނުއިރު އަނެއް ބަޔެއްގެ ސުވާލަކީ މިގޮތަށް އިސްތިރި ކޮށްގެން ޗެކްގައި ހުރިނަމަ ހުރި ވައިރަހަކާއި ޖަރާސީމެއް ނައްތާލެވޭނެ ބާއޭ އެވެ.
އެހެން މީހަކު ބުނެފައިވަނީ އެ ކޭޝިއަރަކީ ރޮށި ފިހުމުގެ ތަޖުރިބާކާރެއް ހެން ހިވާ ކަމަށެވެ. އެއީ ގިނަފަތިން އޭނާ ޗެކްގައި ހިފާލެއް ކުޅަދާނަ ކަމުން ހީވާ އެއްޗެއް ކަމަށް ވެސް އެމްކޭ ޔާދޭވް ކިޔާ މީހެއްގެ ޓުވީޓްގައި ބުނެފައި ވެއެވެ.
އެ މީހާ މަސައްކަތްކުރާ ބޭންކް އޮފް ބަރޯޑާގެ އޮފިޝަލް އެކައުންޓުން ވެސް މިކަމާ ގުޅޭ ގޮތުން ޓުވީޓް ކޮށްފައި ވެއެވެ. އާނަންދު މެހެންދުރޫ އަށް ބޭންކުން ކުރި ޓުވީޓްގައި އެ ބޭންކްގެ އޮފިޝަލެއްގެ ހުނަރު ފާހަގަ ކޮށް އެ މީހާގެ ވީޑިއޯ ޓޫވީޓް ކޮށްދިނީތީ ޝުކުރު އަދާކޮށްފައި ވެއެވެ.