ބޮލީވުޑް

މިލިންދް ސޫމަންގެ 81 އަހަރުވީ މަންމަވެސް އެހާ ފިޓް

އެކްޓަރު މިލިންދް ސޫމަން އާއި އޭނާގެ އަންހެނުން އަންކިތާ ކަންވަރު އަކީ ފިޓްނަސް އަށް ވަރަށް ލޯބިކުރާ ބައެކެވެ. އަދި އެ މީހުންގެ ފިޓްނަސް ވީޑިއޯތައް ވަރަށް ގިނައިން ސޯޝަލް މީޑިއާގައި ޝެއާ ކުރެ އެވެ. ނަމަވެސް 28 އަހަރުގެ އަންކިތާ އާ އެއްވަރަށް އޭނާގެ 81 އަހަރުވީ މައިދައިތަ ކަސްރަތު ކުރާ މަންޒަރު ފެންނަ ވީޑިއޯއަކީ ވަރަށް ގިނަ ބަޔަކު ހައިރާން ވެގެން ބަލަމުންދާ ވީޑިއޯ އެކެވެ.

ޓުވިޓާގައި މިލިންދު ޝެއާކުރި މި ވީޑިއޯގައި އޭނާގެ މަންމަ އާއި އަންހެނުންގެ އުމުރުގައި 50 އަށް ވުރެ ގިނަ އަހަރުގެ ތަފާތު ހުރި ނަމަވެސް އަންހެނުންނަށް ދޫނުކޮށް މަންމަ ކަސްރަތު ކުރާ މަންޒަރު ފެނެ އެވެ. ވީޑިއޯގައި އަންކިތާ އާއި މައިދައިތަ އެއްފައިން ކޮރަމުން ވަރަށް ދުރަށް ދާތަން ފެނެ އެވެ.

"28 އާއި 81. އަހަރެންގެ ގާލްސް ކޮންމެ އުމުރެއްގައި ވެސް ހަމަ ވަރަށް ފިޓް،" ޝެއާ ކުރި ވީޑިއޯގެ ކެޕްޝަނަކަށް މިލިންދު ލިޔެފައި ވެއެވެ.

އަންކިތާ ވެސް އޭނާގެ މައިދައިތަ އާއެކު ކަސްރަތުކުރާ ވީޑިއޯއެއް ޓުވީޓްކޮށްފައި ވެއެއެވެ. އަދި 80 އަހަރު ވަންދެން އޭނާ ދުނިޔޭގައި ހުރެއްޖެނަމަ މައިދައިތަ ކަހަލަ ފިޓް މީހަކަށް ވެވޭތޯ މަސައްކަތް ކުރާނެ ކަމަށް ބުނެފައި ވެއެވެ. އަދި މައިދައިތަގެ ފިޓްކަމުން ގިނަ ބަޔަކަށް ހިތްވަރު ލިބޭނެ ކަމަށް ވެސް އަންކިތާ ބުނެފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މިލިންދު ވަނީ އޭނާގެ މަންމަ ސާޅީ އަޅައިގެން ހުރެ އޭނާ އާއެކު ޕުޝްއަޕްސް ހަދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓުވީޓްކޮށްފަ އެވެ. މި ވީޑިއޯގައި ވެސް މިލިންދްގެ މަންމަ އޫޝާ މިލިންދް ޕުޝްއަޕް ހަދާއިރު އެންމެ ތަންކޮޅެއް ވެސް މިލިންދް އަށް ދުލެއް ނުކުރެ އެވެ.

މިލިންދު އަކީ ސުޕަމޮޑެލް އެކެވެ. އަދި ވަރަށް ގިނަ ހިންދީ ފިލްމުތަކުގައި ލީޑް ރޯލު ކުޅެފައި ވެއެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ފެންނަނީ މެރަތަން ދުވުމާއި އެނޫންވެސް ފިޓްނަސް އާ ބެހޭ އެކި ކަންތައްތަކުގައި އުޅެނިކޮށެވެ.

މިލިންދު އެންމެ ކުރިން ކައިވެނި ކުރީ މައިލީން ޖަމްޕަނޯއީ ކިޔާ ފްރެންޗް ބަތަލާ އަކާ އެވެ. ނަމަވެސް 2006 ގައި ކުރި މި ކައިވެނި 2008 ގައި ވަނީ ރޫޅިފަ އެވެ. އޭގެ ފަހުން އަންކިތާ އާ ކައިވެނި ކުރީ 2018 ގައެވެ. އަންކިތާ އަކީ ވެސް ފިޓްނަސްގެ ކަންތައްތައް ކުރިއަރުވަން މަސައްކަތްކުރާ މީހެކެވެ. މިލިންދު، 55، އާއި އަންކިތާގެ އުމުރުގައި 27 އަހަރުގެ ތަފާތު ހުރެ އެވެ.