ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެންޒީގެ މަސްދަޅުން 3 ރުފިޔާ ހެޔޮކޮށްފި

ކޮންމެ މަސްދަޅަކުން ތިން ރުފިޔާ އަގުހެޔޮ ކުރަން އެންޒީ އިން ނިންމައިފި އެވެ.

އެންޒީން ބުނީ މިވަގުތަކީ ވިޔަފާރިތަކުން އާންމު ފަރުދުންނަށް ވީހާވެސް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެއްކަމުން އެންޒީއިން މަސްދަޅުގެ އަގު ވީހާވެސް ހެޔޮ ކޮށްފައިވާ ކަމަށެވެ. މި ގޮތަށް އަގަށް ބަދަލު ގެނެވިފައިވަނީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންއާއި އަދި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވެފައި އެންމެ ގިނައިން ގޭގޭގައި ބޭނުންކުރައްވާ އެއް ޕްރޮޑަކްޓްއަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

އެންޒީން ގެނައި މި ބަދަލާއެކު މީގެ ކުރިން 15 ރުފިޔާ އަށް ވިއްކި ތެޔޮ މަސްދަޅު މިހާރު 12 ރުފިޔާއަށް ލިބޭ އިރު ފެން މަސްދަޅެއްގެ އަގު ވަނީ 11.50 ރުފިޔާ ކުޑަކޮށްފަ އެވެ. މީގެ އިތުރަށް ތެޔޮ މަސްދަޅު ކޭހެއް 555 ރުފިޔާ އަށް އަގު ހެޔޮ ކޮށްފައިވާއިރު ފެން މަސް ކޭހެއް 530 ރުފިޔާ އަށް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެންޒީން ވަނީ ގޭގައި ތިބެގެން ހިދުމަތް ހޯދޭނެ ގޮތް ހަދާފަ އެވެ. އެގޮތުން ގޭގެއަށާއި ދޯނިތަކަށް ބޭނުންވާ އަދަދަކަށް މަސްދަޅު ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް އެންޒީން ވަނީ ފަށާފަ އެވެ. އެހެން ކަމުން މި ހިދުމަތް ބޭނުންވާ ފަރާތްތަކުން އެންޒީގެ ހޮޓްލައިން ނަމްބަރު 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅާލުމަށްފަހު ބޭނުންވާ ބާވަތާއި އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ދިނުމުން ޑެލިވަރީ ކޮށްދޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

މަސްދަޅުގެ އަގު ހެޔޮ ކުރިކަމުގައި ވީނަމަވެސް މި ވަގުތު ހިނގަމުންދާ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި އެހެންކަމުން ކޮންމެ މަސްދަޅެއްގެ އިންނަ ލޭބަލް ނައްޓާލުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރު 5040 އަށް އެސް އެމް އެސް ކޮށްގެން ޕްރޮމޯޝަންގައި ބައިވެރެރިވެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ހެޔޮ އަގުގައި ހުސްނުވެ މަސްދަޅު ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ ދީފަ އެވެ. އެންޒީގެ މަސްދަޅު އުފައްދާ އެންސިސް ފިޝަރީޒްއަކީ ފުޅާ ދާއިރާއެއްގައި މަސްދަޅު އަދި މަހުގެ އެކި ބާވަތްތައް ރާއްޖޭގައި އުފައްދާ ކުންފުންޏަކަށް ވާއިރު މިފަދަ ދަނޑިވަޅެއްގައި ކާބޯތަކެތީގެ އަގު ރައްޔިތުންނަށް ހެޔޮކޮށް ދިނުމަކީ އެންސިސް ފިޝަރީޒްގެ އެންމެ ބޮޑު އަމާޒެވެ.