ޖޭޑަބްލިއު ރިސޯޓުން މޫދަށް ފުންމާލި އިންޑިއާ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އެ ރިސޯޓުގައި މިސްކިތުގެ މުދިމަކަށް މަސައްކަތް ކުރަމުން އައި މީހެކެވެ.
އެ މީހާ ގެއްލިގެން ރޭ 10:00 ޖެހި އިރު އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވާއިރު އެމީހާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ބުނީ މިހާތަނަށް އެމީހާގެ ހަބަރެއް ވެފައި ނުވާ ކަމަށާއި އެމީހާ ހޯދަން ކޯސްޓްގާޑް ޑައިވަރުން އެކި ސަރަހައްދުތަކަށް ފީނަމުން ގެންދާއިރު ސްނޯކްލިން ކޮށްގެން ވެސް ހޯދަން މަސައްކަތް ކުރާ ކަމަށެވެ.
މީގެ އިތުރުން ކަނޑުގެ ސާފޭސް ބެލުމަށް ވެސް ޑައިވަރުން ހަރަކާތްތެރި ވަމުންދެ އެވެ.
އެމީހާ ގެއްލިގެން ރިޕޯޓު ކުރުމާއި ގުޅިގެން އެ ރިސޯޓުގެ ސީސީޓީވީ ފުޓޭޖްތަށް ބެލި އިރު ފެންނަ ގޮތުގައި އެމީހާ ފޯން ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާ މަންޒަރު ފެނިފައި ވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.