ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގައި މަރުގެ އަދަދު ސުމަކަށް

Apr 7, 2020

ބެއިޖިންގް (އޭޕްރީލް 7) - ކޮވިޑް-19 ފެތުރެން ފެށި ފަހުން، އެ ބަލި ޖެހިގެން އިއްޔެ އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް ޗައިނާއިން ބުނެފި އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކޮވިޑް-19 އާގުޅޭ މައުލޫމާތުތައް އާއްމު ކުރަން ފެށި ފަހުން، ޗައިނާގައި އެ ބަލީގައި މީހަކު މަރުނުވެ ދުވެހެއް ދިޔަ ފުރަތަމަ ފަހަރެވެ.

ޗައިނާގެ ހެލްތު ކޮމިޝަނުން ބުނީ، އެ ބަލި އަލަށް ޖެހިގެން އިއްޔެ ރިޕޯޓުކޮށްފައި ވަނީ 32 މީހުނަށް ކަމަށެވެ. ނަމަވެސް، އެ އެންމެންނަކީ ވެސް ބޭރު ގައުުތަކުން ޗައިނާއަށް އެތެރެވި މީހުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗައިނާގައި އެ ބަލިޖެހުނު މީހުންގެ އަދަދު މިހާރު 81،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 3،300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޗައިނާގެ ވޫހާން ސިޓީން ފެތުރެންފެށި އެ ބަލި މިހާރު ޗައިނާގައި ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، ޗައިނާއިން ބޭރުން ގޮސް އެ ގައުމަށް ވަންނަ މީހުންގެ ފަރާތުން އެ ބަލި އަނެއްކާ ވެސް ފެތުރިގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

އެކަން ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާ ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، ބޭރު ގައުމުތަކުގެ މީހުނަށް ވިސާ ދިނުން ހުއްޓާލުމުގެ އިތުރުން، އިންޓަނޭޝަނަލް ފްލައިޓުތައް އުދުހުން ވެސް ވަނީ ހަފުތާއަކު އެއް ފްލައިޓަށް ލިމިޓު ކޮށްފަ އެވެ.

ޗައިނާގެ ހަގީގީ ތަފާސް ހިސާބުތަކާމެދު ގައުމުތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސުވާލު އުފައްދަމުން ދަނިކޮށް، މިދިޔަ ބުދަ ދުވަހު ޗައިނާގެ ކަމާބެހޭ އިދާރާތަކުން މި ވަނީ އަނެއްކާވެސް މުޅީން އާ ހިސާބުތަކެއް އާއްމުކޮށްފަ އެވެ.

މިފަހަރު، ޗައިނާއިން ވަނީ ކޮވިޑް-19 ޖެހިފައިވާ ނަމަވެސް ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ވެސް، ޕޮޒިޓިވް ކޭސްތަކުގެ އަދަދަށް އިތުރު ކޮށްފަ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، މިއީ މި ބަލިމަޑުކަން ފެތުރެން ފެށި ފަހުން، ޗައިނާގެ ތަފާސް ހިސާބުތައް ތަފާތު ގޮތަކަށް އާއްމުކުރި އަށް ވަނަ ފަހަރެވެ. އަދި އެކަމުގެ ސަބަބުން، އެހެން ގައުމުތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލި ކޮންޓްރޯލް ކުރަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.