ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ނިއުޒީލެންޑް: ލޮކްޑައުންއާ ހިލާފުވި މިނިސްޓަރެއްގެ މަގާމު ދަށްކޮށްފި

Apr 7, 2020
1

ވެލިންގްޓަން (އޭޕްރީލް 7) - ކޮވިޑް-19 އާ ގުޅިގެން ނިއު ޒީލެންޑުގައި އަޅާފައިވާ ލޮކްޑައުންއާ ހިލާފުވި އެ ގައުމުގެ ހެލްތު މިނިސްޓަރު ޑިމޯޓު ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސިންދާ އާޑެން ވިދާޅުވެއްޖެ އެވެ.

ނިއު ޒީލެންޑުގައި ލޮކްޑައުން އިއުލާނު ކުރިތާ ކުރީކޮޅު، އެ ގައުމުގެ ހެލްތު މިނިސްޓަރު ޑޭވިޑް ކްލާކް ވަނީ، އާއިލާއަކު މޫދަށް ވަޑައިގެންފައި ކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އާޑެން ވިދާޅުވި ގޮތުގައި، އެކަމާ ގުޅިގެން، މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ކްލާކް އުޅުއްވުމުން، އިސްތިއުފާ ގަބޫލު ނުކުރަން ނިންމާފައިވާ ކަމަށެވެ. ގައުމަށް ކުރިމަތިވެފައިވާ މިފަދަ ހާލަތެއްގައި، ހެލްތު މިނިސްޓަރު މަގާމުން ދުރު ކުރުމަކީ، ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"އާއްމު އުސޫލުގެ ދަށުން އަޅުގަނޑު އޭނާ މަގާމުން ވަކި ކުރީސް. އޭނާ ކުރެއްވީ ވަރަށް ގޯސް ކަމެއް. އެއްވެސް ބަހަނާއެއް ނުދެއްކެވޭނެ،" އާޑެން ވިދާޅުވި އެވެ.

އެގޮތުން، ކެބިނެޓުގައި ކްލާކުގެ ދަރަޖަ ދަށްކުރުމުގެ އިތުރުން، އެސޯސިއޭޓް ފިނޭންސް މިނިސްޓަރުގެ ގޮތުގައި އޭނާ އަދާކުރައްވާ ދައުރު ވެސް ހަނި ކުރެވިފައިވާ ކަމަށް އާޑެން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، ކްލާކް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އޭނާއަށް ކުރެވުނީ ވަރަށް "މޮޔަ" ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ރައްޔިތުންގެ ނުރުހުން އޭނާއަށް ރައްދުވާން ވެސް ހައްގު ކަމަށެވެ.

ގާތްގަނޑަކަށް ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއު ޒީލެންޑުގައި ހަތަރު ހަފުތާގެ ލޮކްޑައުނެއް އިއުލާނު ކުރީ މިދިޔަ މަހުގެ ފަހު ކޮޅެވެ. އެ ފިވަޔަޅުގެ ދަށުން، ސްކޫލުތަކާއި، ކެފޭތަކާއި ޖިމް ފަދަ ތަންތަން ބަންދު ކޮށްފައިވާއިރު، އެ ގައުމުގެ ބޯޑަރުތައް ވެސް ބޭރު މީހުންނަށް ވަނީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން، އެ ގައުމުގައި އިއުލާނު ކޮށްފައިވާ ކުއްލި ހާލަތުވެސް އިއްޔެ ވަނީ އަނެއްކާވެސް އިތުރުކޮށްފަ އެވެ.

ނިއު ޒީލެންޑުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،160 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް މަރުވެފައިވަނީ އެންމެ މީހެކެވެ.