ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މުހައްމަދު ނަޝީދު

"ކުރެވުނީ ބޭނުންތެރި ބަހުސެއް، ހައްލު ހޯދޭނެ"

މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދުގައާއި ލޯކަލް ކައުންސިލަރުންގެ ދައުރު ދިގު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރެވުނީ ބޭނުންތެރި ބަހުސެއް ކަމަށާއި އިންތިހާބު ފަސްކުރުމުގެ މައްސަލާގައި މަޖިލީހަށް ހައްލެއް ހޯދައިދެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލި ރާއްޖޭން ވެސް ފެނި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މި އަހަރު ބާއްވަން ޖެހޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ޖެހިފަ އެވެ.

މިހާރު ގާނޫނުގައި އޮތް އެންމެ ލަސް ތާރީހަށް އިންތިހާބު ފަސްކޮށްފައިވާއިރު، އިތުރަށް ފަސް ކުރަން ބޭނުންވާ ހާއްސަ ގާނޫނުގެ ބިލާއި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

ނަމަވެސް މިހާރު އޮތް ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް އެ ޕާޓީގެ ބައެއް މެންބަރުން ދެކޮޅުއިރު އެ މެންބަރުން ތާއީދު ކުރައްވަނީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން ރައީސް ކައުންސިލްތަކަށް ބަޔަކު އައްޔަން ކުރުމަށެވެ. އެކަމަކު ކައުންސިލަރުން އައްޔަން ކުރުމަށް އެމްޑީޕީގެ ބައެއް އެހެން މެންބަރުން ދެކޮޅެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރަން ބޭނުންވާ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ރައްޔިތުން ދީފައިވާ ކަމަށެވެ. އެކަމަކު ގާނޫނު އަސާސީ އިސްލާހު ކުރުން ނޫން ހައްލެއް އޮންނަހާ ހިނދަކު އިސްލާހު ކުރުމާ އެމްޑީޕީގެ މެންބަރުން ދެކޮޅު ކަމަށް ވިދާޅުވި އެވެ.

"އެއްވެސް މެންބަރަކު ފާހަގައެއް ނުކުރައްވާ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް މި ވަގުތު ގާނޫނު އަސާސީ އިސްލާހު ކުރުމަކީ. ހިލާފުވާނަމަ އިހަށް ގާނޫނު އަސާސީގައިވާ އެ މާއްދާ ބަދަލު ކުރުމުން ނިމުނީ ނޫންތޯ. ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު އެބަ އޮތް. އެކަމަކު [އެމްޑީޕީގެ] މެންބަރުން ދަނީ މަސްއޫލިއްޔަތު އަދާކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމާއި ކައުންސިލަރުންގެ ދައުރު ދިގު ކުރުމާ ގުޅޭ ގޮތުން ބަހުސް ކުރެވުނީ ކަން ކުރަންވީ ގޮތެއް ހޯދައި ސާފު ކުރުމަށް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ ހިޔާލުތައް ހޯދުމަށް ކަމަށެވެ. އެ މަސައްކަތް މަޖިލީހަށް މިދިޔަ ދެ ދުވަހު ކުރެވިއްޖެ ކަމަށެވެ.

"މި މައްސަލާގައި އަޅުގަނޑުމެން ހައްލެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހޯދައި ދޭނަން. ރައީސުލްޖުމްހޫރިއްޔާ [އިބްރާހިމް މުހައްމަދު ސޯލިހް އަދި ރާއްޖޭގެ އެއްވެސް ރައްޔިތަކު މި ކަމުގައި ކަންބޮޑުވެގެން އުޅޭނެ ކަމެއް ނެތް، މި ބަހުސް މި ކުރީ ވަމުންދާ ގޮތް އޮޅުން ފިލުވަން، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރެވިއްޖެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް މަޖިލީހުގެ ކައުންސިލަ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ. އެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެ ލަފައަކީ މިންގަނޑެއް ކަމަށާއި އެއަށް އަމަލު ކުރުން ލާޒިމު ނޫން ކަމަށެވެ. މަޖިލީހުގެ ކުރީގެ ރައީސުން ވެސް އަމަލު ކޮށްފައި އޮތީ އެ އުސޫލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މައްސަލާގައި މެންބަރުން ފާޅު ކުރައްވާ އެއްވެސް ވިސްނުމަކަށް ބުރަވެ ހުންނަވާ ވާހަކަ ނުދައްކަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ހައްލު ކުރުމުގައި މެންބަރުންގެ ވިސްނުން ހުރި ދެ ދިމާއަށް ވެސް އަލިއަޅުއްވާ ވާހަކަ ދައްކަވައި މެންބަރުން ފާހަގަ ކުރައްވައި ނުކުތާތައް އެމަނިކުފާނު ފާހަގަ ކުރައްވަމުން ގެންދެވީ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާގައި ވެސް ވޯޓަކަށް ނާހަ އެވެ. އަދި މަޖިލީހުން ގެންނާނެ ހައްލަކާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު، ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ހިޔާލުތައް ވެސް ވަރަށް ތަފާތެވެ.