ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވާލްޑޮފް އެސްޓޯރިއާގެ މުވައްޒަފުން މުސާރަ ކުޑަ ނުކުރަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހުއްޓުނުނަމަވެސް، ވާލްޑޮފް އެސްޓޯރިއާ އިތާފުށި، ރިސޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރަން ނިންމައިފި އެވެ.

މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން މާލެ އަތޮޅުގައި ތަރައްގީކޮށްފައިވާ ވާލްޑޮފް އެސްޓޯރިއާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު އެޓިއެން ޑެލެންކޯން މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯއެއްގައިވާ ގޮތުން، އެ ރިސޯޓު ބަންދު ނުކުރަން އެ ރިސޯޓުގެ އޯނަރުން ނިންމާފައިވާ ކަމަށެވެ. އަދި މިއާއެކު އެ ރިސޯޓު ބަންދުނުކޮށް ހިންގަމުން ދާނެ ކަމަށް ބުނެފައިވެ އެވެ.

އެ ކުންފުނިން ވަނީ މުވައްޒަފުން ކޮށްދެމުންދާ ހިދުމަތް ތަކަށް ޝުކުރު އަދާކޮށްފަ އެވެ. މިއީ ދަތިހާލަތެއް ކަމަށާ، ނަމަވެސް މިހާލަތުގައި ވެސް އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އިތުރުއެއް ވެސް އެލަވަންސެއް އުނި ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގައި 150 ރިސޯޓު ހިންގަމުންދާއިރު، ޓޫރިޒަމް ދަށްވުމުގެ ސަބަބުން ބައެއް ރިސޯޓުތަކުގެ މުވައްޒަފުނަށް މުސާރަ ނުދޭ ގޮތަށް "ނޯޕޭ" ދީ އަދި ދަނީ މަގާމުން ވަކި ކުރަމުންނެވެ. އަދި ގިނަ ރިސޯޓު ތަކެއް ވަނީ ބަންދުކޮށްފަ އެވެ. ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި މިހާތަނަށް 11،000 ދިވެހި މުވައްޒަފުންނަށް ނޯޕޭ ދީފައިވެ އެވެ.