ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެއިން ދިޔަ ބިދޭސީއެއް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން ދިޔަ ބިދޭސީއެއް ޕޮޒިޓިވްވުމުން ދެ ރިސޯޓެއް މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ދެންމެ ބުނީ ރާއްޖެއައި ބިދޭސީއަކު އަނބުރާ ގައުމަށްދިޔަ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި އޭނާ ވަނީ ޖޯލި މޯލްޑިވްސްއާ ރާ ބޮޑުފުށި ރިސޯޓަށް ޒިޔާރަތްކޮށްފައި ކަމަށާ މިހާރު އެ ދެ ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެ ދެ ރިސޯޓްގައި ތިބި މީހުންގެ ތެރެއިން އޭނާއާ ކޮންޓެކްޓްވީ މީހުން ބަލަމުންދާ ކަމަށާ ކޮންޓެކްޓް ރޭސިން ނިމެންދެން އެ ދެ ރިސޯޓް އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖެއިން ސާމްޕަލްތައް ނެގި އިޓަލީ ދެ މީހަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެ ދެ މީހުންގެ ނަތީޖާތައް ލިބި، ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އެ މީހުން އިޓަލީއަށް ދަތުރުކުރަމުން ދަނިކޮށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ޕޮޒިޓިވްވި 13 މީހަކު ވަނީ ރަނގަޅުވެފައެވެ.

ބައްޔަށް ފަރުވާ ހޯދަމުންދާ ހަތަރު ދިވެހިން މިވަގުތު ތިބީ ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.