ހަބަރު

މޫވްއެންޕިކްގެ އައިސްކްރީމް ޑެލިވަރީ ކޮށްދެނީ

މަޝްހޫރު "މޫވްއެންޕިކް" ގެ ފްރެންޗައިޒެއް ރާއްޖޭގައި ހުޅުވުންވީ އައިސްކްރީމަށް ލޯބި ޖެހިފައި ތިބި މީހުންނަށް ލިބުނު ބޮޑު އުފަލަކަށް ނަމަވެސް ކޮވިޑް-19 އިގެ ނުރައްކާ ބޮޑުވެފައިވާ މި ވަގުތު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދު ކޮށްފައިވާތީ މޫވްއެންޕިކްގެ ހިދުމަތް ފަސޭހައިން ހޯދޭނެ ގޮތް މިހާރު މިވަނީ ފަހިކޮށް ދީފައެވެ.

މޫވްއެންޕިކުން މިއަދު ވަނީ އައިސް ކްރީމް ޑެލިވަރީތައް ފަށާފަ އެވެ. މިއީ ރައްކާތެރިކަމަށްޓަކައި ގޭގައި ތިބުމަށް ސަރުކާރުން ދީފައިވާ ލަފަޔާ އެއްގޮތަށް ގޭގައި ތިބެގެން ވެސް މޫވްއެންޕިކްގެ މީރު ރަހަތަކުގެ އައިސް ކްރީމް ބޯލުމުގެ ފުރުސަތު ދިނުމަށް ހުޅުވާލި ފުރުސަތެކެވެ.

މޫވްއެންޕިކްގެ ފަރާތުން މިވަގުތު ޑެލިވަރީ ކޮށްދެނީ ހަމައެކަނި މާލެއަށެވެ. ނަމަވެސް ލިބޭ ތަރުހީބަށް ބެލުމަށްފަހު ހުޅުމާލެއަށް ވެސް ޑެލިވަރީ ފަށާނެ އެވެ.

މޫވްއެންޕިކުން ބުނީ 150 ރުފިޔާއިން މަތީގެ ކޮންމެ އޯޑަރެއް ވެސް ގެއާ ހަމައަށް ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި ޑެލިވަރީ ކޮށްދޭނެ ބާވަތްތައް ވެސް މޫވްއެންޕިކްއިން ވަނީ އާންމުކޮށްފަ އެވެ.

އަދި ބައެއް އެހެން ބާވަތްތަކުގެ ބުއިންތައް ވެސް ޑެލިވަރީ ކޮށްދެ އެވެ.

މޫވްއެންޕިކްގެ ޑެލިވަރީތައް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 ފެށިގެން ރޭގަނޑު 11:00 އަށެވެ. އޯޑަރު ދިނުމަށް 9561012 ގުޅުމުން ޑެލިވަރީ ކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.