ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރިކަވަރީ ޕެކޭޖުން، ބީއެމްއެލްގެ ލޯނު ރިސޯޓުތަކާއި ބޮޑެތި ވިޔަފާރިތަކަށް

Apr 7, 2020

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައި ގަންނަން ދޭ، "ރިކަވަރީ ޕެކޭޖު" ނުވަތަ އިގްތިސާދީ އެހީގެ ޕެކޭޖުގައި ބީއެމްއެލް އިން ލޯނު ދޫކުރާނީ ބޮޑެތި ވިޔަފާރިތަކާއި ރިސޯޓު ތަކަށް ކަމަށް ބުނެފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ސަރުކާރުން ގާއިމްކޮށްފައިވާ އިގްތިސާދީ އެހީ ގެ ސްކީމް އަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރުދުންނާއި ކޯޕަރޭޓްތަކުގެ އިތުރުން ވިޔަފާރި ތަކަށް ވެސް ލިބިގެން ދާނެ ކަމަށެވެ. މިގޮތުން މި ފަރާތް ތަކަށް ވިޔަފާރި ތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ދޭ "ވާކިން ކެޕިޓަލް" ގެ ގޮތުގައި ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ.

މި ސްކީމުގެ ދަށުން، ބީއެމްއެލް އިން ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓް ތަކުން އަހަރެއްގެ މައްޗަށް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރި ތަކަށެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި އަހަރަކު ހަ ޕަސެންޓުގެ އިންޓްރެސްޓްގައި ދޫކުރާ ލޯނެކެވެ.

މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ލިބެ އެވެ. އަދި ދައްކާ ހަލާސް ކުރަން ތިން އަހަރު ލިބެ އެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހެ އެވެ.

ބީއެމްއެލް އިން ބުނީ މި ނޫން ވިޔަފާރި ތަކަށް ކޮވިޑް-19 ރިކަވަރީ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެހެނިހެން މާލީ އިދާރާތަ ކުން ލިބޭނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އިން ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ވަނީ އިގްތިސާދީ އެހީގެ ޕެކޭޖަށް ހާއްސަ އެ ބޭންކުގެ ހުރިހާ ލޯނުތަކެއް ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ. މީގެ ތެރޭގައި ކިޔަވަން ދަރިވަރުން ނަގާފައިވާ ސްޓޫޑެންޓް ލޯނުތައް ވެސް ހިމެނެ އެވެ.

ސަރުކާރުން ވަނީ އިގްތިސާދީ އެހީގެ ޕެކޭޖު ދޫކުރުމުގައި އެންމެ އިސްކަން ދޭނީ އެ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒީފާ ހިމާޔަތް ކޮށްދޭ ފަރާތް ތަކަށް ކަމަށް ބުނެފަ އެވެ.