ބޮލީވުޑް

"މަސަކަލީ" ރިމޭކްގައި ސިދާރްތު އާއި ތާރާ

"މަސަކަލީ 2.0" މިއުޒިކް ވީޑިއޯގައި ބައިވެރި ވާނީ ސިދާރްތު މަލްހޯތުރާ އާއި ތާރާ ސުތާރިޔާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. މިއީ ރާކޭޝް އޯމް ޕްރަކާޝްގެ "ދިއްލީ 6" ގައި ސޯނަމް ކަޕޫރު އެކްޓް ކޮށްފައިވާ ވަރަށް މަޝްހޫރު ލަވައެއް ކަމަށް ވާ "މަސަކަލީ" ގެ ރިމޭކް އެކެވެ.

މި ލަވައިގެ އާ ވާޝަން އުފައްދާފައި ވަނީ ތާނިޝް ބަގްޗީ އެވެ. އަދި ޑައިރެކްޓް ކޮށްފައި ވަނީ އާދިލް ޝައިޚް އެވެ. ލަވަ ކިޔާފައިވަނީ ތުލްސީ ކުމާރާއި ސަޗޭތު ޓަންޑަން އެވެ.

ދާދިފަހުން ސިދާރްތު ދީފައިވާ އިންޓަވިއު އެއްގައި މި ލަވަޔާ ބެހޭ ވާހަކަތައް ކިޔައިދީފައި ވެއެވެ. އޭނާ ބުނީ މިއީ މި ދުވަސްވަރާ ވަރަށް ގުޅޭ ލަވައެއް ކަމަށެވެ. މި ލަވައިގައި ދައްކަނީ ގޭގެ ހަތަރު ފާރުތެރޭގައި ތިބެގެން ދެ މީހަކު މަޖާކޮށް ސަކަރާތްޖަހާ ތަން ކަމަށް ވާތީ އެވެ.

ސިދާރްތު ބުނީ ލަވައިގެ ރިހާސަލް އެއް ކޮށްލަން ލިބުނީ އެންމެ ފުރުސަތެއް ނަމަވެސް ވަރަށް އޮމާންކޮށް އަދި އެހާމެ އަވަހަށް ޝޫޓިން ނިންމާލެވުނު ކަމަށެވެ. ތާރާ ވެސް ބުނީ މިއީ ތާޒާ ވައިރޯޅިއެއް ބިހިލާ ކަމުގެ އިހްސާސް ވާނެ ލަވައެއް ކަމަށެވެ.

ތާރާ އާއި ސިދާރްތު މީގެ ކުރިން ވަނީ މިލަޕް ޒަވޭރީގެ "މަރްޖާވާން" ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން ސިދާރްތު އާއި ތާރާގެ ހަގީގީ ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ޚަބަރުތަކެއް ބައެއް ނޫސްތަކުން ގެނެސްދީފައ ވެއެވެ. މި ވާހަކަ އިތުރަށް ހޫނުވީ ކަރަން ޖޯހަރްގެ ޗެޓް ޝޯގައި ބައިވެރިވެ "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ އެކްޓަރަކާ ކްރަޝް އޮތް ކަމަށް އެއްބަސް ވުމުންނެވެ. ތާރާ މި ދެއްކީ ސިދާރްތުގެ ވާހަކަ ކަމަށް ބެލެވެ އެވެ.