ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގެ ވޫހާން ސިޓީގެ ލޮކްޑައުން އުވާލައިފި

Apr 8, 2020
2

ބެއިޖިންގް (އޭޕްރީލް 8) - މިހާރު މުޅި ދުނިޔެއަށް ބަލާއާފާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އާ ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގެ ލޮކްޑައުން އުވާލައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު، ހޫބޭ ޕްރޮވިންސްގައި ހިމެނޭ ވޫހާން ސިޓީ ފެތުރެން ފެށުމާއެކު، އެ ބަލި ކޮންޓްރޯލް ކުރުމަށް 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިޓީއަށް ވަދެ ނުކުތުން މަނާކޮށް، ލޮކްޑައުން ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހެވެ.

އެ ސިޓީން ބޭރުވާ މީހުންނަށް ބައެއް ޝަރުތުތަކާއެކު، އެ ސިޓީގެ ލޮކްޑައުން އުވާލާފައި ވަނީ، ޗައިނާގެ ބޭރުން އަންނަ މީހުންގެ ފަރާތުން އަނެއްކާވެސް އެ ވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ލޮކްޑައުން އުވާލުމާއެކު، މިހާރުވެސް 65،000 އެއްހާ މީހުން އެ ސިޓީން ބޭރުވެފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ޗައިނާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 81،800 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 3،330 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އަދި މަރުގެ އަދަދުގެ 80 ޕަސަންޓަކީ ވޫހާން ސިޓީގައި މަރުވި މީހުންކަމަށް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ. ޗައިނާ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު، އެ ގައުމުގައި އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން މަދުވެފަ އެވެ.

އެގޮތުން، ކޮވިޑް-19 ފެތުރެން ފެށި ފަހުން، އެ ބަލި ޖެހިގެން ހޯމަ ދުވަހު އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް ޗައިނާއިން ބުނެފައިވެ އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކޮވިޑް-19 އާގުޅޭ މައުލޫމާތުތައް އާއްމު ކުރަން ފެށި ފަހުން، ޗައިނާގައި އެ ބަލީގައި މީހަކު މަރުނުވެ ދުވެހެއް ދިޔަ ފުރަތަމަ ފަހަރެވެ.

ޗައިނާގެ ހަގީގީ ތަފާސް ހިސާބުތަކާމެދު ގައުމުތަކުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސުވާލު އުފައްދަމުން ދަނިކޮށް، މިދިޔަ ބުދަ ދުވަހު ޗައިނާގެ ކަމާބެހޭ އިދާރާތަކުން މި ވަނީ އަނެއްކާވެސް މުޅީން އާ ހިސާބުތަކެއް އާއްމުކޮށްފަ އެވެ.

މިފަހަރު، ޗައިނާއިން ވަނީ ކޮވިޑް-19 ޖެހިފައިވާ ނަމަވެސް ބަލީގެ އަލާމާތްތައް ނުފެންނަ މީހުން ވެސް، ޕޮޒިޓިވް ކޭސްތަކުގެ އަދަދަށް އިތުރު ކޮށްފަ އެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، މިއީ މި ބަލިމަޑުކަން ފެތުރެން ފެށި ފަހުން، ޗައިނާގެ ތަފާސް ހިސާބުތައް ތަފާތު ގޮތަކަށް އާއްމުކުރި އަށް ވަނަ ފަހަރެވެ. އަދި އެކަމުގެ ސަބަބުން، އެހެން ގައުމުތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލި ކޮންޓްރޯލް ކުރަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ޗައިނާގެ ކޮމިއުނިސްޓް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.