ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުގެ މައްސަލާގައި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ވަކި ހިޔާލުފުޅެއް ނުގެންގުޅުއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިދިޔަ ދެ ދުވަހުގެ ޖަލްސާގައި ކުރިއަށް ދިޔައީ ކޮވިޑް-19 އިގެ ހާލަތުގައި ކައުންސިލަރުންގެ ދައުރު ދިގު ކުރަން ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދުގަ އެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ބައެއް މެންބަރުން ދެކޮޅެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް ބައެއް މެންބަރުން ދެކޮޅެވެ. އެކަމަކު އެ މައްސަލައަށް އޮތް ހައްލަކީ ދައުރު ދިގު ކުރުން ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވެ އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އެމްޑީޕީގެ ބައެއް މެންބަރުން ކަންބޮޑުވުން ވެސް އޮތުމުން އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ފަހުން ގާނޫނު އަސާސީ އިސްލާހު ނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލާނެ ގޮތުގެ އުސޫލު ބަޔާންކޮށް ވަގުތީ ގާނޫނެއްގެ ބިލެއް ހުށަހަޅައިފަ އެވެ. އޭގެ ކުރިން ސަރުކާރުގެ ފަރާތުން ފޮނުވާފައި ވަނީ އެ ކަން ކުރަން ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލާގައި ގާނޫނީ ބޭފުޅުންގެ ވިސްނުން އޮތް ގޮތް ސާފުވެފައިވާ ކަމަށާއި މެންބަރުންގެ މެދުގައި އޮތް ކަންބޮޑުވުމާ ގުޅޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުންގެ ވިސްނުމަކީ ގާނޫނު އަސާސީ އިސްލާހު ކުރުން މި ވަގުތަށް ރަނގަޅު ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، މި މައްސަލަގާއި ގޮތެއް ނިންމުމުގެ ބާރު އޮތީ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ. މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެ މަސައްކަތް ކުރިއަށް ގެންދަވަންވީ ކަމަށާއި މެންބަރުން ނިންމަވާ ގޮތަކަށް އެއްބާރުލުން ދެއްވަން އެމަނިކުފާނު ހުންނަވާނެ ކަމަށެވެ.
"އަޅުގަނޑު މި މައްސަލާގައި ދެކޭ ވަކި ގޮތެއް ނެތް. ތިޔަ ބޭފުޅުން [މަޖިލީހުގެ މެންބަރުން] ގާނޫނު އަސާސީ އިސްލާހު ކުރައްވާށޭ ވިދާޅުވާ ނަމަ އެ ކަމެއް ކުރައްވަންވީ. އޭގެ ބަދަލުގައި ގާނޫނެއް ގެންނަން ބުރަވެވިއްޖިއްޔާ އެ ގޮތަކަށް ވެސް އަޅުގަނޑު ކުރިއަށް ގެންދާނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިހާބީ ދައުރެއްގެ މުއްދަތު ދިގު ކުރަން ގާނޫނު އަސާސީ އިސްލާހު ނުކޮށް ގާނޫނަކުން ކުރެވިދާނެ ކަމާ މެދު ވެސް ގާނޫނީ ބައެއް ބޭފުޅުން ސުވާލު އުފައްދަވާ ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ވަގުތީ ގާނޫނުގެ އެ ބިލު ވެއްދީ ވެސް ގާނޫނީ ބޭފުޅެއް ކަމަށެވެ. އެ މައްސަލާގައި އަމަލު ކުރާނެ ގޮތް ނިންމެވުމުގެ ބާރު އޮތީ މަޖިލީހުގެ މެންބަރުންނަށް ކަމަށް ވިދާޅުވި އެވެ.
"ގާނޫނު އަސާސީ ޑްރާފްޓް ކުރުމާއި ހުރިހާ ކަމެއް ކުރުމުގައި ބޮޑު ކާތިބަކަށް އުޅުއްވި ބޭފުޅެއް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު [ހަސަން ލަތީފު] މި ބިލު ގެނައީ ވެސް، ދެން ތުނޑު ތޫނު ކުރަން ދާންވީ އެހެން ވަޑިއެއް އުޅެދާނެ، އަޅުގަނޑު ދެކޭ ގޮތުގައި ތުނޑު އޮތް ވަޑިންނަކީ ތިޔަ އިއްޒަތްތެރި މެންބަރުން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، ކައުންސިލަރުންގެ ދައުރު ދިގު ކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމަން އަދި އެކަށީގެންވާ ވަގުތު އެބަ އޮތް ކަމަށެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ ޖޫން މަހުގެ ތިން ދުވަހަށް ކަމަށްވާތީ އެ ތާރީހަށް ނިންމަން، އެންމެ ރަނގަޅު ހައްލު ހޯދަން މެންބަރުންނަށް އަދިވެސް ވަގުތު އެބަ އޮތް ކަމަށެވެ.
ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވަގުތީ ގާނޫނެއް ނުވަތަ ސަންސެޓް ގާނޫނެއްގެ ބިލެއް ހަސަން ލަތީފު ހުށަހެޅުއްވިއިރު އިންތިހާބު ފަސް ކުރުމާ ގުޅޭ ވަގުތީ ގާނޫނެއްގެ ބިލެއް ސަރުކާރުގެ ފަރާާތުން ވަނީ ފޮނުވާފަ އެވެ. މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.
އިންތިހާބު ބާއްވަން މިހާރު އޮތް ތާރީހަކީ މި މަހުގެ 18 ވަނަ ދުވަސް ކަމަށްވާއިރު އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލުގެ މަސައްކަތް ނިންމައި ފާސްކުރުމުން އިންތިހާބު ބޭއްވުމުގެ މުއްދަތު ދިގު ކުރެވޭނެ ކަމަށާއި، އޭގެ ފަހުގައި ކައުންސިލަރުންގެ ދައުރު ދިގު ކުރުމާ ބެހޭ ބިލުތަކުގެ މަސައްކަތް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.