ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑަބްލިޔުއެޗްއޯއަށް އެމެރިކާގެ އެހީ ކަނޑާލާނެކަމުގެ އިންޒާރު

Apr 8, 2020
1

ވޮޝިންގްޓަން (އޭޕްރީލް 8) - ކޮވިޑް-19 އިގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިގެން ދިޔުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި، އެ ޖަމިއްޔާއަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 82،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ ބަލި އެންމެ ފުރަތަމަ ފެތުރިގެން ދިއައިރު، ޑަބްލިޔުއެޗްއޯއިން އެތަކެއް ގޯސް ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.

އަދި ވައިރަހާ ގުޅިގެން އެ ޖަމިއްޔާއިން ޗައިނާއާ އެއްކޮޅަށް ބުރަވެފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

އެގޮތުން، ޑަބްލިޔުއެޗްއޯއަށް އެމެރިކާއަށް ދެމުންދާ އެހީ ކަނޑާލަން ނިންމަވާފައިވާ ކަމަށް އެންމެ ފުރަތަމަ ވިދާޅުވި ނަމަވެސް، ފަހުން ޓްރަމްޕް ވިދާޅުވީ ޑަބްލިޔުއެޗްއޯއަށް ދޭ އެހީ ކަނޑާލަން ވިސްނަމުން ގެންދަވާ ކަމަށެވެ.

ޓްރަމްޕް އެގޮތަށް އިންޒާރު ދެއްވާފައިވަނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ދިން "ދޮގު" ތަފާސް ހިސާބުތަކަށް ޑަބްލިޔުއެޗްއޯއިން ބަރޯސާވި ކަމަށް އެމެރިކާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ތުހުމަތު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، ޑަބްލިޔުއެޗްއޯއާ ދެކޮޅަށް އެމެރިކާއިން އަމާޒު ކުރަމުންދާ ތުހުމަތުތައް އދ. އިން ވަނީ ދޮގުކޮށްފަ އެވެ.

އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ބަލާއާފާތެއްގެ ތެރެއިން، ގައުމުތަކަށް އެހީތެރިވެދީ، ބަލި ފެތެރުން ކޮންޓްރޯލްކުރުމަށް ޑަބްލިޔުއެޗްއޯއިން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަމަށް އދ.ގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން، މިދިޔަ ފެބްރުއަރީ މަހު ޓްރަމްޕްގެ ސަރުކާރުން ހުށަހެޅި ބަޖެޓު ޕްރޮޕޯސަލްގައި ވެސް، އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ކޮންމެ އަހަރަކު ދެމުން އައި 122.6 މިލިއަން ޑޮލަރު، 57.9 މިލިއަން ޑޮލަރަށް ތިރިކުރަން ވަނީ ހުށަހަޅައިފަ އެވެ.