ވަގުތީ އަދި ދާއިމީ ގާނޫނަކުން ވިޔަސް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރު ބާއްވަން ޖެހޭ ކައުންސިލް އިންތިހާބު ކޮވިޑް-19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކުރަން ޖެހިފަ އެވެ. އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހަށް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާއިރު އެ ތާރީހަށް ވެސް އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.
އެހެންކަމުން އިންތިހާބު ފަސް ކުރުމުގެ ހާއްސަ ވަގުތީ ގާނޫނެއްގެ ބިލަކާއި ކައުންސިލަރުންގެ ދައުރު ދިގު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ.
އެކަމަކު ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އެމްޑީޕީގެ ބައެއް މެންބަރުންގެ ކަންބޮޑުވުން އޮތުމުން އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ވަގުތީ ގާނޫނަކުން އެ ކަން ކުރެވޭނެ ކަމަށް ވިދާޅުވެ ވަގުތީ ގާނޫނެއްގެ ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.
އުޝާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލުގެ މަގްސަދަކީ ގާނޫނު އަސާސީ އިސްލާހު ނުކޮށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިހާރުގެ ކައުންސިލްތަކުގެ ތިން އަހަރުގެ ދައުރު އިތުރު ކުރުން ކަމަށެވެ. އެކަމަކު އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގައި ލިޔެ ބަޔާން ކޮށްފައިވާ މުއްދަތެއް ގަނޫނު އަސާސީ އިސްލާހު ނުކޮށް އާންމު ގާނޫނަކުން ބަދަލު ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް،" އުޝާމްގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
މި މައްސަލާގައި ހަސަން ލަތީފު ފާހަގަ ކުރައްވަނީ ގާނޫނު އަސާސީގައި އުފެދިފައި ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހާލަތުގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވާ ޖާގައެއް ވެސް ކަމަށް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިހާބީ ދައުރެއްގެ މުއްދަތު ދިގު ކުރުމަށް ގާނޫނު އަސާސީ އިސްލާހުނުކޮށް ގަނޫނަކުން ކުރެވިދާނެ ކަމާ މެދު އުފައްދާ ސުވާލުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ރައްދު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ބައެއް ގާނޫނީ ވަކީލުން އެ ގޮތަށް ފާހަގަ ކުރައްވާއިރު އެ ހާއްސަ ގާނޫނު ގެންނެވި މެންބަރު ހަސަން ލަތީފަކީ ވެސް ގާނޫނީ ބޭފުޅެއް ކަމަށެވެ.
އެހެންވިޔަސް ރައީސް ނަޝީދުގެ އަމިއްލަފުޅު ވަކި ވިސްނުމެއް ވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މަޖިލީހުގެ އަޣުލަބިއްޔަތު މެންބަރުން ނިންމަވާ ގޮތަކަށް އެމަނިކުފާނު އެއްބާރުލުން ދެއްވަވާނެ ކަމަށް ވެސް މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މައްސަލާގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވެސް ބޮޑެތި ހިޔާލުތަފާތުވުންތައް އެބަ ހުއްޓެވެ. ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅު ހައްދަވާއިރު ބައެއް މެންބަރުން ތާއީދު ކުރައްވަނީ ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. ކައުންސިލްތައް ހުސްވެގެންދާ އެ މުއްދަތަށް ރައީސް ބަޔަކު އައްޔަން ކުރައްވަން ބައެއް މެންބަރުން ތާއީދު ކުރައްވާއިރު، ދެން ތިއްބެވި މެންބަރުން ތާއީދު ކުރައްވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރާށެވެ.