ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އަންނަ ހަފުތާ ވެސް ސަރުކާރާއި ސްކޫލްތައް ބަންދު

Apr 8, 2020
2

އަންނަ ހަފުތާ ވެސް ސަރުކާރު އޮފީސްތަކާއި ސްކޫލް، ޔުނިވާސިޓީތައް ބަންދު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ މިގޮތަށް ރައީސް ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީ އާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އިތުރު ހަފުތާއަކަށް ސަރުކާރު ބަންދު ކުރުމަށް ރައީސް ސޯލިހު ނިންމެވިއިރު މިދިޔަ ތިން ހަފުތާ ވެސް ސަރުކާރާއި ސްކޫލްތައް ބަންދެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާ ގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދަވާ ގޮތަށްވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރައްޔިތުން ސަމާލުކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި ރައީސް ފާހަގަކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮވިޑް-19 އަށް ހަތަރު ދިވެއްސަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު މީހުންނެވެ.