ދުނިޔެ

ސޭންޑާސް ރިޔާސީ ރޭހުން ވަކިވެވަޑައިގެންފި

Apr 9, 2020

ވޮޝިންގްޓަން (އޭޕްރީލް 9) - އެމެރިކާގެ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދެވޭނެ މަގެއް ފެންނަން ނެތްކަމަށް ވިދާޅުވެ، ރިޔާސީ ރޭހުން ބާނީ ސޭންޑާސް ވަކިވެވަޑައިގެންފި އެވެ.

ވާމަންޓުގެ ސެނެޓަރުގެ މި ނިންމެވުމާ އެކު ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އަށް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

ކެމްޕޭނު ނިންމަވާލެއްވިކަން އިއުލާނު ކުރައްވަމުން، 78 އަހަރުގެ ސޭންޑާސް ވިދާޅުވި ގޮތުގައި، އެ ނިންމެވުމަކީ ވަރަށް އުނދަގޫ އަދި ހިތްދަތި ނިންމެވުމަށް ކަމަށެވެ.

"ނޮމިނޭޝަން ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް އޮތް ނަމަ، އަޅުގަނޑު ގައިމުވެސް މިގޮތަށް ނުނިންމާނަން،" ސެންޑާސް ސަޕޯޓަރުންނަށް ވިދާޅުވި އެވެ.

އުމުރުން 77 އަހަރުގެ ބައިޑަންއާ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރާނީ އޮގަސްޓް މަހު ބާއްވާ ކޮންވެންޝަނުގަ އެވެ. ބައިޑަން ދެން ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެވެ.

ރިޔާސީ އިންތިހާބުގައި ބައިޑަން އާއެކު ހުންނެވި ކަމަށާއި، ފަހުގެ ތާރީހެއްގައި އެމެރިކާ ދުށް އެންމެ "ނުރައްކާތެރި" ރައީސް ބަލިކުރުމުގައި ބައިޑަން އާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ވެސް ސެންޑާސް ވަނީ ދެއްވައިފަ އެވެ.

ބައިޑަން ވަނީ ގައުމީ މަސްލަހަތު އިސްކުރެއްވީތީ ސޭންޑާސް އަށް ތައުރީފް ކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ.