ބޭރު ކުޅިވަރު

ބާސެލޯނާ، އާސެނަލް އަދި މެންސިޓީއަށް ވެސް މޮޅެއް

Sep 13, 2015

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ މޮޅުވެ، އިނގިރޭސި ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލް ވެސް ކާމިޔާބު ހޯދައިފި އެވެ.

ބާސެލޯނާ މޮޅުވީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާ ވާދަކޮށް 2-1 އިންނެވެ. އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ އެ ޓީމުގެ ފެނާންޑޯ ޓޮރޭޒް އެވެ. އެކަމަކު އޭނާ ލަނޑު ޖެހިތާ ދެ މިނިޓް ފަހުން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ލިހޭޖެހުމަކުން ބްރެޒިލްގެ ނޭމާ އެވެ.

ބާސެލޯނާ މޮޅުވީ ފަހުހާފުގައި ކުޅެން ނުކުމެ ލަޔޮނަލް މެސީ ޖެހި ގޯލުންނެވެ. މެސީ މި މެޗުގައި ބެންޗުގައި ބޭންދީ އިއްޔެ ފަރިތަކުރުންތަކަށް ހާޒިރުވެފައިނުވާތީ އެވެ. އޭނާ އަށް އިއްޔެ ކުލަބުން ރިލީޒް ދިނީ އަންހެނުން އެންޓޮނެއްލާ މެސީގެ ދެ ވަނަ ދަރިފުޅު ވިހަން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުންނެވެ. މެސީ އަށް ލިބުނު ދެ ވަނަ ފިރިހެން ދަރިފުޅުގެ ނަމަކީ ބެންޔަމިން އެވެ.

މި މޮޅާއެކު ތިން މެޗުން ނުވަ ޕޮއިންޓާއެކު ޗެމްޕިއަން ބާސެލޯނާ އޮތީ ޓޭބަލުގެ ކުރީގަ އެވެ. ދެ ވަނާގައި ވަނީ ރެއާލް މެޑްރިޑެވެ. އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެތްލެޓިކޯ މެޑްރިޑް އޮތީ ހަ ޕޮއިންޓާއެކު ފަސް ވަނާގަ އެވެ.

އިނގިރޭސި ލީގުގައި އާސެނަލް މޮޅުވީ ސްޓޯކް ސިޓީ އަތުން 2-0 އިންނެވެ. ލަނޑު ޖެހީ ތިއޯ ވޮލްކޮޓާއި އޮލީވިއާ ޖީރޫޑެވެ. މި މޮޅާއެކު އާސެނަލް އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކު ތިން ވަނާގަ އެވެ. މި އަދަދަށް މެންޗެސްޓާ ޔުނައިޓެޑަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމު ދެ ވަނާގައިވަނީ ގޯލުގެ ތަފާތުންނެވެ. އެއްވަނާގައިވަނީ ފަސް މެޗުން 15 ޕޮއިންޓާއެކު ސިޓީ އެވެ. އެ ޓީމު ރޭ މޮޅުވީ ކްރިސްޓަލް ޕެލަސް ކޮޅަށް ކެލެޗީ ފަހު ވަގުތު ޖެހި ގޯލުންނެވެ.