ބޮލީވުޑް

ބޮލީވުޑްގެ ފަންނާނުންގެ އުޖޫރައިން 30 ޕަސެންޓް ކަނޑަނީ

ކޮވިޑް-19 ގެ ސަބަބުން ފިލްމު އިންޑަސްޓްރީތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެ އިންޑަސްޓްރީގައި މަސައްކަތްކުރާ ތަރިންނާއި ޑައިރެކްޓަރުން އަދި އެފަދަ މަތީ މުސާރަތަކުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ އުޖޫރައިން 30 ޕަސެންޓް ދަށްކުރުމުގެ މަޝްވަރާތަކެއް މިހާރު ކުރެވެމުން އެބަ ދެއެވެ. މިކަން އަދި ކުރިޔަށް ދަނީ ސައުތު ފިލްމު އިންޑަސްޓްރީގައި ނަމަވެސް ބޮލީވުޑްގައި ވެސް މިކަން މިގޮތަށް ކުރުމާ ބެހޭ ވާހަކަތައް މިހާރު ކޮންމެވެސް ވަރަކަށް ދަނީ ދެކެވެމުންނެވެ.

އެންމެ ފުރަތަމަ މި ޚިޔާލު ހުށަހެޅީ ސައުތު ފިލްމުތައް އުފައްދާ ޕްރޮޑިއުސަރު ޖޭ ސަތީޝް ކުމާރެވެ. ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި މިއުޒިކް ކޮމްޕޯސަރުންނަށް މިހާރު ލިބޭ އުޖޫރައިން 30 ޕަސެންޓް އުނިކުރަން ފެންނަ ކަމަށް އޭނާ ޚިޔާލު ފާޅު ކުރި އެވެ. އެއީ މި ނުރައްކާތެރި ބަލީގެ ސަބަބުން އިގްތިސާދަށް ލިބޭނެ ބޮޑު ގެއްލުމުގެ ތެރޭގައި ފިލްމު އިންޑަސްޓްރީ އަޑިއަޅައިގެން ވެއްޓުނު ނުދިނުމަށް ކޮންމެހެންކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ބޮލީވުޑަކީ ވަރަށް ބޮޑެތި ބަޖެޓްތަކުން ފިލްމު އުފެއްދުމުގައި މަޝްހޫރު ބައެކެވެ. ނަމަވެސް ކައިރި ކުރިމަގެއްގައި އެމީހުން ވެސް މިކަމާ މެދު ވަރަށް އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހޭނެ އެވެ. ފިލްމުގެ ބަޖެޓު ކުޑަކޮށް ތަރިންނަށް ދޭ އުޖޫރަ ވެސް ކުޑަކޮށްގެން ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި ފިލްމު އުފެއްދުމުގެ މަސައްކަތެއް ވެސް ދެނެއް ނުކުރެވޭނެ އެވެ.

ޕްރޮޑިއުސާސް ގިލްޑްގެ ކުރީގެ ރައީސް މުކޭޝް ބަޓް ބުނި ގޮތުގައި މިހާރު މިއޮތީ ލިބޭނެ ފައިދާއަކަށް ވުރެ ބޮޑަށް މިކަން ކުރުމުގައި ދެމި ތިބެވޭނެ ގޮތެއް ހޯދަން ޖެހިފައި ކަމަށެވެ. މިކަމުގައި އެންމެ ފުރަތަމަ އިސް ނަގަން ޖެހޭނީ ފިލްމީ ތަރިން ކަމަށް އޭނާ ދެކެ އެވެ. އެމީހުންނަށް ލިބޭ އުޖޫރައިން 30 ޕަސެންޓް ވަރު ކުޑަކުރަން އެއްބަސް ވެއްޖެނަމަ ދެން ތިބި މީހުންނަށް އެގޮތަށް އަމަލުކުރަން މަޖްބޫރުވާނެކަމަށް މުކޭޝް ބުންޏެވެ. އިންޑަސްޓްރީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ އެންމެން އެއްކޮށް މި ހަނގުރާމައިގައި ބައިވެރިވެގެން ކަން އޭނާ ފާހަގަ ކުރި އެވެ.

މިހާރު ފަށަން ތައްޔާރުވެފައިވާ "އޭކް ވިލަން 2"ގެ ޑައިރެކްޓަރު މޯހިތު ސޫރީ ބުނި ގޮތުގައި އުޖޫރަ ކުޑަކުރުމުގެ ބަހުސް މިހާތަނަށް އަދި އެއްވެސް ބަޔަކު ކޮށްފައެއް ނެތެވެ. ފިލްމު އިންޑަސްޓްރީގައި އެންމެން ވެސް މަސައްކަތްކުރަނީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށާއި އުޖޫރަ ދަށްކުރާނަމަ އޭނާ ވެސް އެ ފިޔަވަޅަށް ތަބާވެ އެގޮތަށް ކަންތައް ކުރާނެ ކަމަށެވެ.
ނަމަވެސް ޑައިރެކްޓަރުންނާއި އެނޫންވެސް މީހުން އެ މީހުންގެ އުޖޫރަ ކުޑަކޮށްފައި ފިލްމީ ތަރިން އުޖޫރަ ކުޑަ ނުކުރާނަމަ މީގެން އެދެވޭ ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށް މޯހިތު ގަބޫލު ކުރެ އެވެ.