ސުޕްރީމް ކޯޓްއިން އެކުލަވާލި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމަށް ހާއްސަ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލާފައިވަނީ އިއްޔެއެވެ. ސުޕްރީމް ކޯޓުން އެކުލަވާލި ގަވާއިދުގައި ބުނެފައިވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ބަޔަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު އަލަށް އެކުލަވާލި ގަވާއިދަށް އަމަލު ކުރުމަށެވެ.
ޕީޖީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 އާ އެކު އުޅެން ދަސްކުރުންޖެހޭ ކަމަށާ އަދުލުގެ ނިޒާމުވެސް އެކަމުން އިސްތިސްނާނުވާ ކަމަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓްއިން އެކުލަވާލި ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޕީޖީ ވިާޅުވިއެވެ.
ޕީޖީ ވިދާޅުވީ މިއަހަރުގެ ތެރޭގައި ޕީޖީ އޮފީހުގައިވެސް ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް ބަހައްޓާނެ ކަމަށެވެ. އޭރުން ހަރަދު ކުޑަވުމުގެ އިތުރުން މައްސަލަތައް އަވަސް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"..ކޯވިޑް-19 އާ އެކު އުޅެން ދަސްކުރުންޖެހޭ. އަދުލުގެ ނިޒާމުވެސް އެކަން ކުރަންޖެހޭ. ސުޕްރީމް ކޯޓްގެ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީއަތް ކުރުމުގެ ނިޒާމަކީ ވަރަށް ބޮޑު ކުރިއެރުމެއް. ޕީޖީ އޮފީހުގައި ވީޑިއޯ ކޮންފަރަންސް 10 ސިސްޓަމް މިއަހަރު ތެރޭ ބަހައްޓާނެ. ޚަރަދު ކުޑަވާނެ. އަވަސްވާނެ." ޝަމީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 ގެ ސަބަބުން ކޯޓުތަކުން އަމަލު ކުރަން ޖެހޭ ގޮތްތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާއަށާއި އެ ސާކިއުލާގައި ގޯހެއް ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން މިއަދު ވަނީ ނުރުހުން ފާޅުކޮށްފައެވެ.