ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާގެ އެހީތެރިކަމަށް ރާއްޖެއިން ޝުކުރު އަދާކޮށްފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވާންގް ޔީ އާ ފޯނުން ގުޅުއްވައި، ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި ސްޓޭޓް ކައުންސިލާ ވާންގް ޔީގެ އިތުރުން ޗައިނާ ސަރުކާރުން ދައްކާ ލީޑާޝިޕަށް ތައުރީފް ކުރައްވާފައި ކަމަށެވެ. އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތާއި، ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރު ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރަށް އަރުވާފައިވާ ކަމަށެވެ.

ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. ޗައިނާގެ ފޮރިން މިނިސްޓަރާއެކު އިއްޔެ ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ޗައިނާގެ ޔުނާން ޕްރޮވިންސް އިން ދިވެހިރާއްޖެއަށް ހަދިޔާކުރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.