ބޭރު ކުޅިވަރު

ތަށި ހޯދުމުގެ ބާރު ގެއްލިއްޖެ، ޗެލްސީ އަށް އަހަރެންނަށްވުރެ ރަނގަޅު މީހަކުނެތް: މޮރީނިއޯ

Sep 13, 2015

އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު ޗެލްސީ އަށް ގެއްލިއްޖެ ކަމަށާއި ނަމަވެސް ކުލަބުގެ ކޯޗަކަށް އޭނާއަށް ވަކި ރަނގަޅު މީހަކު ނެތް ކަމަށް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރެއާލް މެޑްރިޑާއި، ޕޯޓޯ އަދި އިންޓަމިލާނުގެ ކުރީގެ ކޯޗު ޕޯޗުގަލްގެ މޮރީނިއޯ މިހެން ބުނީ އެވަޓަން އަތުން ރޭ 3-1 އިން ބަލިވި މެޗަށް ފަހު އެވެ. މި މެޗަށް ފަހު އެވަޓަންގެ ސަޕޯޓަރުން ވަނީ މާދަމާ ހެނދުނު އޭނާ ހުންނާނީ މަގާމުން ވަކިކޮށްފައި ކަމަށް މޮރީނިއޯއާ ދިމާލަށް ގޮވައި ހަދައިފަ އެވެ.

ޗެލްސީ ރޭ ވި ބައްޔާއެކު އެ ޓީމު ވަނީ ލީގުގެ ހަތަރު ޕޮއިންޓާއެކު 16 ވަނަ އަށް ވެއްޓިފަ އެވެ. މިއީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށްވުރެ 11 ޕޮއިންޓް މަދު އަދަދެކެވެ. މިހެންވެ މިއީ ލީގުގައި ފާއިތުވެދިޔަ 29 އަހަރު ތެރޭގައި އެ ޓީމު ނެރުނު އެންމެ ދެރަ ނަތީޖާ އެވެ.

"މިއީ އޭނާގެ ޗެލްސީގެ ކެރިއަރުގައި އޭނާ ޕްރެޝަރަށްދިޔަ ފުރަތަމަ ފަހަރު،" މެޗަށް ފަހު އިނގިރޭސި ތަޖުރިބާކާރު އެނަލިސްޓް ސުޓޮން ބުންޏެވެ.

މެޗަށް ފަހު މޮރީނިއޯ ބުނީ މިއީ އޭނާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ދަށް ނަތީޖާތައް ކަމަށެވެ.

"މިއީ އަހަރެންގެ ކޮލިޓީއެއް ނޫން. އެކަމަކު އަހަރެން މި ނަތިޖާތަކާއެކު ކުރިއަށް ދާނަން. އަހަރެންނަށް ޕްރެޝަރު އިހުސާސެއް ނުކުރެވޭ. މި ވަޒީފާ އަށް އަދިވެސް އެންމެ ރަނގަޅު މީހަކީ އަހަރެން. އަހަންނަށް ހިޔެއް ނުވޭ އަހަންނަށްވުރެ ވަކި ރަނގަޅު މީހަކު މި ވަޒީފާއަށް ހުރިހެން،" މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ސީޒަނުގެ ކުރިއަށް ހުރި ހުރިހާ މެޗެއް ކާމިޔާބު ކުރި ނަމަވެސް ތަށި ލިބޭނީ އެހެން ޓީމުތައް ބަލިވެގެން ކަމަށެވެ.

"އެއީ އަހަރުމެންގެ އަތްމަތީގައި އޮތްކަމެއް ނޫން. ތަށި ހޯދާނަމަ އަހަރުމެންގެ ނަތީޖާތައް ރަނގަޅުކޮށްފައި، އަދި އަހަރުމެންނަށްވުރެ ކުރީގައި ހުރި ޓީމުތައް ބަލިވާން ވެސް އެބަޖެހޭ. އެކަމަކު ޔަގީންވާ ކަމަކީ އަންނަ އަހަރު އަހަރުމެން ޗެމްޕިއަންޝިޕުގައި [ދެ ވަނަ ޑިވިޝަނުގައި] ނުކުޅޭނެކަން،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ މި ބަލީގެ ސަބަބުން ޓީމަށް ހަމަޖެހުމެއް ލިބޭނީ އަންގާރަ ދުވަހުގެ ރޭ ކުޅޭ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ މެޗު ކާމިޔާބުކޮށްގެން ކަމަށެވެ.

ރޭގެ މެޗުގައި އެވަޓަންގެ ސްޓީވް ނައިސްމިތް ހެޓްރިކް ހެދިއިރު ޗެލްސީ އަށް ލަނޑު ޖަހައިދިނީ ނެމެންޖާ މަޓިކެވެ. މި މޮޅާއެއެކު އެވަޓަން އޮތީ ފަސް މެޗުން އަށް ޕޮއިންޓާއެކު ފަސް ވަނާގަ އެވެ.