ބޮލީވުޑް

ހިންދީ ލަވަތަކުގެ ރިމިކްސް ހަދާތީ ނުރުހުން

އޭއާރް ރަހްމާން "ދިއްލީ 6" އަށް މިއުޒިކް ތައްޔާރު ކޮށްދިން "މަސައްކަލީ" ލަވައަކީ ވަރަށް މަޝްހޫރު އަދި ވަރަށް ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ލަވަ އެކެވެ. މި ލަވައިގެ ރިމިކްސް އެއް ދާދި ފަހުން ތާނިޝް ބަގްޗީ ނެރުމުން ސޯޝަލް މީޑިއާގައި މި ލަވަޔާ ހިތްހަމަޖެހިގެން މީހުން ވަރަށް ރުޅިގަދަވެ އެއްޗެތި ކިޔުމުގެ އިތުރުން ލަވައަށް ވަރަށް މަލާމާތް ވެސް ދަނީ ކުރަމުންނެވެ.

އަދި ބޮލީވުޑްގެ ފަންނާނުންގެ ތެރެއިން ގިނަ ބަޔަކު ވެސް މިގޮތަށް ކުރީގެ ރީތި ލަވަތަކުގެ ރިމިކްސް ހަދައިގެން އޮރިޖިނަލް ލަވައިގެ ރީތިކަން ގެއްލުވާލާ ކަމަށް ބުނެ އެފަދަ ލަވަތައް ނުހެދުމަށް ވަނީ ގޮވާލާފަ އެވެ.

ޚުދް އޭއާރް. ރަހްމާނަށް ވެސް "މަސައްކަލީ 2.0"ގެ ނަމުގައި ތާނިޝް ކޮމްޕޯސްކުރި ލަވަ ކަމަކު ނުދިޔަ އެވެ. އޭނާ ވެސް ވަނީ ސޯޝަލް މީޑިއާގައި މި ކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

"ޝޯޓްކަޓެއް ނޯންނާނެ" އޮރިޖިނަލް ލަވައެއް އުފައްދަން ކުރާ ބުރަ މަސައްކަތް މިގޮތަށް ވެއްޔާ މޮޑެ ނުލުމަށް އޭއާރް ރަހްމާން ވަނީ އެދިފަ އެވެ.

ސޯޝަލް މީޑީއާގައި ނުރުހުން ފާޅުކުރި މީހުންގެ ތެރޭގައި ޑައިރެކްޓަރު ހަންސަލް މެހެތާ ވެސް ހިމެނެ އެވެ. މިފަދަ ރިމިކްސްތައް ބަލައި ނުގަތުމަށް ލަވައަށް ލޯބިކުރާ މީހުންގެ ކިބައިން ހަންސަލް އެދިފައި ވެއެވެ. އޮރިޖިނަލް ލަވައިގެ ރައިޓްސް އޮންނަ މިއުޒިކް ކުންފުނިން އެ ލަވައިގެ ރިމިކްސް ހަދަން ހުއްދަ ދިނަސް އެފަދަ ލަވަތަކުގެ ރިމިކްސް ޔޫޓިއުބުންނާއި އެނޫންވެސް ސައިޓްތަކުން ބަލާ އަޑު އަހާ ނަހަދާނަމަ އެކަން ކުރާނެ ހިތްވަރެއް މީހުންނަކަށް ނުލިބޭނެ ކަމަށާއި އެ ކަންތައް ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ މިއީ ކަމަށް ހަންސަލް ބުނެފައި ވެއެވެ.

މި ލަވަ ނޫނަސް މި ފަހަކަށް އައިސް ތައްޔާރުކުރި ހުރިހާ ރިމިކްސް އަކަށް ވެސް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އޭގެ ތެރޭގައި "ބާޣީ 3" ގެ "ދަސް ބަހާނޭ" އާއި "ބަންކަސް" ވެސް ހިމެނެ އެވެ.