ބޮލީވުޑް

އީދުގައި "ރާދޭ" ރިލީޒް ކުރެވޭނެ ކަމަކަށް ނުބެލެވޭ

އަންނަ ފިތުރު އީދުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާޣީ" އެ ދުވަހު ރިލީޒް ކުރެވިދާނެ ކަމާ މެދު ވަރަށް ބޮޑަށް ޝައްކު އުފެދިއްޖެ އެވެ. ކޮރޯނާވައިރަސް ފެތުރި ފިލްމުތަކުގެ ޝޫޓިންގް ހުއްޓިފައި އޮންނަތާ އެތައް ހަފުތާއެއް ވެފައިވާތީ އެއްވެސް ފިލްމެއްގެ މަސައްކަތް މިހާރު ކުރަމަކުން ނުދެ އެވެ. ސަލްމާންގެ "ރާދޭ" ގެ ވެސް ގިނަ މަސައްކަތްތަކެއް އަދި ނުނިމި އޮތުމާއެކު ފިލްމު ރިލީޒްކުރަން ކަނޑައަޅާފައިވޭ އަންނަ މޭ މަހުގެ 22 ވަނަ ދުވަހު ފިލްމު ރިލީޒް ނުކުރެވި ލަސް ކުރަން ޖެހޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފަ އެވެ.

ކޮންމެ އަހަރަކުވެސް ފިތުރު އީދަކީ ސަލްމާން މާ ކުރިއްސުރެ އޭނާގެ ފިލްމުތައް ރިލީޒް ކުރަން ބުކްކޮށްފައި އޮންނަ ތާރީޚެކެވެ. އަދި އީދުގައި ރިލީޒްކުރާ ސަލްމާންގެ ފިލްމުތަކަށް ވަރަށް ބޮޑެތި ކާމިޔާބުތައް ވެސް ލިބެމުން ގޮސްފައި ވެއެވެ. އެހެންކަމުން އީދަކީ ސަލްމާނަށް ވަރަށް ނަސީބުގަދަ ދުވަހެއްގެ ގޮތުގައި އޭނާ އަބަދުވެސް ބަލަ އެވެ.

ނަމަވެސް މިފަހަރުގެ އީދުގައި ސަލްމާންގެ ފިލްމަށް ރިލީޒް ކުރުމުގެ ފުރުސަތު އޮތް ކަމަކަށް މިހާރު ނުބެލެވެ އެވެ.
ދިޝާ ޕަޓްނީ ބަތަލާގެ ބައި ކުޅޭ މި ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޝޫޓިން ވަރަށް ބާރަށް ކުރިޔަށް ދަނިކޮށް ކޮރޯނާވައިރަހާ ހުރެ އިންޑިޔާ ބަންދު ކުރަން ޖެހި ފިލްމުގެ މަސައްކަތް ހުއްޓުނީ އެވެ.

ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތުގައި އުޅޭ މީހަކު ބުނީ ދެ ލަވައަކާއި އިތުރު ބައެއް މަންޒަރުތައް އަދި ޝޫޓްކުރަން އެބައޮތް ކަމަށާއި އެޑިޓިން ފަދަ ކަންތައްތައް ވެސް އަދި އެއްގޮތަކަށް ވެސް ނުކުރާ ކަމަށެވެ. މިހާރު އިންޑިޔާގައި އޮތް ކޮރޯނާވައިރަހުގެ ނުރައްކަލުން އެ ގައުމު ސަލާމަތްވެ އަލުން މަސައްކަތްތައް ފެށޭނެ ދުވަހެއް ނޭނގޭތީ ފިލްމު ރިލިޒްކުރުން ލަސްކުރަން މަޖްބޫރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ސަލްމާން މިހާތަނަށް އީދުގައި ރިލީޒްކުރި ހުރިހާ ފިލްމުތަކެއް ކަހަލަ ގޮތަކަށް ވެފައިވަނީ ބްލޮކްބަސްޓާ އަށެވެ. އެގޮތުން 2009 ގައި ނެރުނު "ވޯންޓަޑް"، 2010 ގައި ނެރުނު "ދަބަންގް"، 2011 ގައި ނެރުނު "ބޮޑީގާޑް"، 2012 ގައި "އޭކް ތާ ޓައިގާ"، 2014 ގައި "ކިކް"، 2015 ގައި "ބަޖްރަންގީ ބައިޖާން"، 2016 ގައި "ސުލްތާން"، 2019 ގައި ނެރުނު "ބާރަތު" އަކީ ބްލޮކްބަސްޓާ ފިލްމުތަކެވެ. އީދުގައި ރިލީޒްކޮށް ކާމިޔާބު ނުލިބި އޮތީ ދެ ފިލްމެކެވެ. އެއީ 2017 ގައި ނެރުނު "ޓިއުބުލައިޓް" އާއި 2018 ގައި ނެރުނު "ރޭސް 3" އެވެ.

ސަލްމާންގެ ފިލްމާ ބެހޭ ގޮތުން މައުލޫމާތު ދިން މީހާ ބުނީ ކޮންމެވެސް ގޮތެއް ހަދާފައި ފިލްމު ރިލީޒް ކުރެވުނަސް އެއީ މި ދުވަސްވަރާ ބަލާއިރު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ މީހުން މިހާރު ތިބީ ފިލްމު ބަލަން ސިނަމާތަކަށް ދާ ވަރަށް ވުރެ މާ ދަތި ހާލުގައި ކަމަށް ވާތީ އެވެ. މިފަދަ ދަނޑިވަޅެއްގައި ފިލްމެއް ރިލީޒްކުރަން ފުރުސަތު ލިބި ރިލީޒް ކުރުމަކީ އެ ފިލްމެއް އަނދަވަޅަކަށް ވައްޓާލުން ފަދަ ކަމަކަށް ވާނެކަމަށް އޭނާ ސިފަ ކުރި އެވެ.

ކޮރޯނާވައިރަހުގެ މައްސަލަ ހައްލުވިޔަސް ފިލްމު ބަލަން މީހުން ސިނަމާތަކަށް ދިއުމަށް ހިތް ޖެހެން އަދި ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވެސް ގަބޫލު ކުރެ އެވެ.