ބޮލީވުޑް

ބޭރަށް ނުކުންނަމަ "މަސައްކަލީ 2" އަދަބު

އިންޑިޔާގެ ޖައިޕޫރުގައި ދިރިއުޅޭ މީހުންނަށް އެ ހިސާބުގަނޑުގެ ފުލުހުން ވަރަށް އަޖައިބެއް ފަދަ އިންޒާރެއް ދީފި އެވެ. އެ ގައުމު ބަންދުކޮށްފައި އޮންނަ ދުވަސްތަކުގައި މަގުމަތީގައި ކަމެއް ނެތި ނުކުމެ އުޅޭނަމަ ދޭނެ ވަރަށް ވަރުގަދަ އަދަބެއްގެ އިންޒާރެވެ.

ޖައިޕޫރު ޕޮލިހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މީހުން އެ މީހުންގެ ގޭގެ ބޭރަށް ނުކުމެ މަގުމަތީގައި އުޅޭކަން ފާހަގަ ކުރެވޭ ކަމަށާއި މިފަދަ މީހުން ކޮޓަރިއަކަށް ލާ ބަންދުކޮށްފައި "މަސައްކަލީ 2.0 " ލަވަ އަޑުއަހަން ބައިންދަން ޖެހިދާނެ ކަމަށެވެ.

"މަސައްކަލީ 2.0"އަކީ އޭއާރް ރަހްމާން 2009 ގައި އުފެއްދި ޓްރެކެއް ކަމަށްވާ "މަސައްކަލީ" ގެ މުޅިން އާ ވާޝަން އެކެވެ. މިއީ ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "ދިއްލީ 6" ގެ ލަވަ އެކެވެ. އޮރިޖިނަލް ލަވަ ކިޔައިދީފައި ވަނީ މޯހިތު ޗައުހާން އެވެ. ލިރިކްސް ލިޔެދީފައި ވަނީ ޕްރަސޫން ޖޯޝީ އެވެ.

"މަސައްކަލީ 2.0" ކޮމްޕޯސްކޮށްފައި ވަނީ ތާނިޝް ބަގްޗީ އެވެ. މި ލަވަ ކިޔައިދީފައި ވަނީ ސަޗޭތު ޓަންޑަން އާއި ތުލްސީ ކުމާރެވެ. ސިދާރްތު މަލްހޯތުރާ އާއި ތާރާ ސުތާރިއާ ހަރަކާތްތެރިވާ "މަސައްކަލީ 2.0" އަށް ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔެއްގެ ފާޑުކިއުމުގައި ރުޅިވެރިކަން ވަނީ އަމާޒުވެފަ އެވެ. ގިނަ މީހުން ބުނެފައި ވަނީ މިއީ "މާސްޓަޕީސް އެއް" ހަލާކުކޮށްލުން ކަމަށެވެ.

މި ލަވަ އަޑު އިއްވައިގެން އަދަބު ދޭން ފުލުހުން ބޭނުންވަނީ މި ލަވަ ދެކެ މީހުން އަންނަ ރުޅިއާ ގުޅުވައިގެން ކަމަށް ބެލެވެ އެވެ. ފުލުހުންގެ ޓުވީޓްގައި މި ލަވައިގެ މައިގަނޑުގެ ލިރިކްސް ވެސް ކުޑަކޮށް ބަދަލުކޮށްގެން ހިމަނާފައި ވެއެވެ.
"ނޫދުހޭށެވެ. ކަލޭމެން ބިރުގަނެބަލާށެވެ. މާ އުނދަގޫ ބޮޑު ނުކޮށް ގޭގައި ތިބެބަލާށެވެ. ތި ކަހަލަ މޮޔަކަންތައް ނުކުރާށެވެ. އޭ މަސައްކަލީ މަސައްކަލީ،" (މަސައްކަލީ އަކީ ހުދުކުލައިގެ ރީތި ކޮތަރަކަށް ކިޔާ ނަމެކެވެ). ރަހްމާނާއި އޮރިޖިނަލް ލަވައިގައި ހަރަކާތްތެރިވި އަބީޝެކް ބައްޗަން އާއި ސޯނަމް ކަޕޫރު ޓެގްކޮށް ޖައިޕޫރު ފުލުހުން ކޮށްފައިވާ ޓުވީޓްގައި ވަނީ ލަވައިގެ ލިރިކްސްގެ ޖުމްލަ މާނައިގައި ބުނަނީ މިހެންނެވެ.