ރައީސު އިބްރާހިމް މުހައްމަދު ސޯލިހް، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ ޓެންޑަ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިއަންދަށް ރައްޔިތުންގެ މަޖިިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ އިސް ސަޕޯޓަރެއްގެ ގޮތުގައި ވެސް ހުންނެވި ޒަރިއަންދު ގެންދަނީ މި ފަހުން ސަރުކާރަށް ބައެއް ތުހުމަތުތަކާއެކު ގިނަ ޓްވީޓްތަކެއް ކުރަމުންނެވެ. އެގޮތުން ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ވައްކަން ކުރަމުންދާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
އަދި ކޮންޓިންޖެންސީ ބަޖެޓަކީ އަހަރީ ބަޖެޓްގައިވާ ކަންކަމުގެ ތެރެއިން އިތުރަށް ހަރަދު ކުރަން ޖެހިދާނޭ ކަމަށް ބަހައްޓާ މިންވަރަކަށްވާއިރު، ބަޖެޓްގައި ނެތް އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތަކަށް ކެޕިޓަލް ހަރަދު ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަން މަޖްލީހަށް އެނގެންޖެހޭނެ ކަމަށް ވިދާޅުވެ އިއްޔެ ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ.
ރޮޒައިނާ ވަނީ އެ ޓްވީޓަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލާ، ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކޮށްފަައިވާ ޓްވީޓެއް ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ކޮންޓިންޖެންސީ ބަޖެޓުން ހޭދަ ކުރެވޭނެ ގޮތް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނަކީ ގާނޫނު ހަދާ މަޖިލީހުގައި 25 އަހަރު މެންބަރުކަން ކުރެއްވި ބޭފުޅެއް ކަމަށާ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ،
އަދި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ވާހަކަތައް ފަތުރަނީ ރައީސްގެ ސޯލިހުގެ މަގުބޫލްކަން މާބޮޑަށް އިތުރުވުމުންތޯ ވެސް ރޮޒައިނާ ސުވާލު ކުރެއްވި އެވެ.
"ކޮންޓިންޖެންސީ ބަޖެޓް ހޭދަކުރާނެ ގޮތް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ. 25 އަހަރު މަޖިލީހުގައި އިންނެވި. ގާނޫނާ ހިލާފަށް ކަމެއް ނުކުރައްވާނެ ރައީސެއް. ރައްޔިތުންނަށް އޮޅުވާލާ ފިތުނަ ހެދުން ނޫން ބޭނުމެއް މި ވާހަކަ [ޒަރިއަންދުގެ ޓްވީޓް] އިން ނުފެނޭ. ރައީސްގެ މަގުބޫލްކަން މާބޮޑަށް އިތުރުވީ ދޯ؟" ރޮޒައިނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ފަހުން ޒަރިއަންދު ވަނީ އޭނާ ކުރެއްވި ޓްވީޓަކީ ފިނޭންސް މިނިސްޓަރަށް އަމާޒު ކުރައްވާ ކުރެއްވި ޓްވީޓެއް ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފަ އެވެ.
"ގާނޫނުއަސާސީގެ 96 ވަނަ މާއްދާ އަދި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޖެޓް ބަޔާންކޮށްފައިވާ ހަމަތަކުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަކީ ބަޖެޓް ހުށަހަޅާ ހަރަދުކުރާ ފަރާތްކަމަށް ބަޔާން ކޮށްފައެއް ނުވާނެ، މަޖްލިސްގައި ބަހުސް ކުރާ ގޮތަށް ޓެކްނިކަލް ބަހުސް ކުރައްވަން ނުހައްދަވާ." ރޮޒައިނާއަށް އަމާޒު ކުރައްވާ ޒަރިއަންދު ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހްގެ ކެބިނެޓްގެ ވަޒީރަކު ގާނޫނާ ހިލާފަށް ކަންކަން ކުރައްވަން ދޫކޮށްލަވައިގެން ރައީސް ނުހުންނަވާނެ ކަމަށެވެ. އަދި ޒަރިއަންދު މަސައްކަތް ކުރަމުންދަނީ ރައްޔިތުން ރައީސް ސޯލިހަށް ކުރާ އިތުބާރު ގެއްލުވާލަން ކަމަށެވެ.