ބޭރު ކުޅިވަރު

މޮރީނިއޯގެ ކޮމްޕިއުޓަރު ވެސް ހަލާކުވެއްޖެ

Sep 13, 2015

އެވަޓަން އަތުން ޗެލްސީ ރޭ 3-1 އިން ބަލިވި މެޗުގައި ހުރިހާ ކަމެއް ވެސް ދިޔައީ ގޯހުން ގޯހަށް ކަމަށާއި މެޗު ރާވަން ގެންގުޅޭ ކޮމްޕިއުޓަރު ވެސް ހުރީ ހަލާކުވެފައި ކަމަށް ޗެލްސީން ބުނެފި އެވެ.

ކޯޗު ހޯސޭ މޮރީނިއޯ މިހެން ބުނީ އޭނާ މަގާމުން ވަކިކުރާނެ ކަމަށް އެހެން ޓީމުތަކުގެ ސަޕޯޓަރުން ބުނަން ފަށައިފައިވަނިކޮށެވެ. ރޭގެ މެޗުން ބަލިވުމުން ޗެލްސީ ވަނީ ޓޭބަލުގެ 16 ވަނަ އަށް ވެއްޓިފަ އެވެ. އަދި މިއީ ފައިތުވެދިޔަ 16 އަހަރުތެރޭގައި އެ ޓީމުގެ ލީގުގައި ނެރުނު އެންމެ ދެރަ ނަތީޖާ އެވެ.

"މިއަދު މި މެޗުގެ ހުރިހާ ކަމެއް އޮތީ ކޮންޓްރޯލުން ނެއްޓިފައި. ދެން ހެދުނު ކޮންމެ ގޯހެއްގައި އަހަރުމެންނަށް ދެރެ ލިބުނު. ޖަހާ ކޮންމެ ބޯޅަ އެއް ގޯލަށް ވަނީ. ކޮންމެ މިސްޓޭކަކީ ގޯލެއް. މި ވަގުތަކީ ވަރަށް ދެރަކޮށް ކަންތައްތައް މެދުވެރިވާ ވަގުތެއް. ހުރިހާކަމެއް ދަނީ އަހަރުމެންނާ ދެކޮޅަށް. މިއަދު ހެނދުނު [ޓީމު ރާވަން ބޭއްވި] ޓެކްޓިކަލް މީޓިންގައި ކޮމްޕިއުޓަރު ވެސް ހުރީ ހަލާކުވެފައި. އެކަމަކު ޔަގީން އެއީ އުޒުރެއް ނޫން. އަދި ބަލިވާންޖެހޭ ކަމެއްވެސް ނޫން،" ކޯޗު ބުންޏެވެ.

މޮރީނިއޯ ބުނީ ސީޒަނުގައި ޗެލްސީ ކުޅުންތެރިން މިހާތަނަށް ކުރި މަސައްކަތަށް ލިބެންވާނީ އެންމެ ހަތަރު ޕޮއިންޓް ނޫން ކަމަށެވެ.

އިތުރަށް އޭނާ ބުނީ މި ނަތިޖާތަކަކީ ހަޔާތުގައި ދިމާވި އެންމެ ދެރަ ނަތީޖާތައް ކަމަށާއި ނަމަވެސް ޗެލްސީގެ ކޯޗަކަށް އޭނާ އަށްވުރެ ވަކި ރަނގަޅު މީހަކު ނުހުންނާނެ ކަމަށެވެ.