ތާޕްސީ ޕަންނޫ

ތައުރީފު ކުރާނަމަ ފޮނި މީހަކަށް ވެދާނެ: ތާޕްސީ

ބަތަލާ ތާޕްސީ ޕަންނޫ އަކީ އޭނާގެ ހުނަރުވެރިކަމުން ބެލުންތެރިންގެ ހިތް އަތުލާފައިވާ ތަރި އެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ތައްޕަޅު" އަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ނުހޯދުނަސް ފިލްމުގައި އޭނާ ކުޅެފައިވާ ރޯލަށް ކްރިޓިކްސް އާއި ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

ނަމަވެސް ތާޕްސީ ބުނަނީ އޭނާ ހުރީ މިހާރު އެންމެ ރަނގަޅު ފޯމްގައި ކަމަށް ބުނެ ކްރިޓިކްސް ތައުރީފު ކުރުމުން ބިރު ގަންނަ ކަމަށެވެ. ދާދިފަހުން އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނީ އޭނާގެ ކޮންމެ ފިލްމެއް ރިލީޒް ވުމުން ފާޑުކިޔުންތެރިން އެހާ ބޮޑަށް ތައުރީފު ކުރުމުން ބިރުގަންނަނީ އެހިސާބުން ދެން އޭނާއަށް އިތުރަށް ކުރިޔަށް ދެވޭނީ ކިހިނެއްކަން ނޭނގޭތީ ކަމަށެވެ. އޭނާގެ އެކްޓިން ގްރާފް މަތިވަމުން ދާއިރު އެންމެ މައްޗަށް އެރުމުން ދެން ދެވޭނެ އިތުރު ތަނެއް ނެތި ތިރިއަށް ދާން މަޖްބޫރު ވާނެތީ އެވެ.

މީހުން ތައުރީފު ކުރުމަކީ އެމީހާގެ ހިތަށް ބޮޑާ ކަމާއި ކިބިރުވެރިކަން ވަދެ މީހާ ފޮނިވާން މެދުވެރިވާނެ ސަބަބެއް ކަމަށް ތާޕްސީ ދެކެ އެވެ. ނަމަވެސް އަދި އޭނާގެ ބޯ ހުރީ ކަނދުރާގައި ރަނގަޅަށް ހަރުލާފައި ކަމަށް ތާޕްސީ ބުންޏެވެ.

ތާޕްސީ ކުޅެން ފަށާފައިވާ ވަރަށް ރަނގަޅު ފިލްމުތަކެއް އޭނާގެ އަތުގައި އެބަހުއްޓެވެ. އޭގެ ތެރެއިން "ހަސީން ދިލްރުބާ" އާއި ތަމަޅަ ފިލްމު "ޖާނާ މާނާ ގާނާ" އަދި ހިންދީ ފިލްމު "ރަޝްމީ ރޮކެޓް"، "ލޫޕް ލަޕޭޓާ"، އަދި މިތާލީ ރާޖް ބައޮޕިކް ފާހަގަ ކޮށްލެވެ އެވެ. އަދި އަނުރާގް ކަޝޭޕްގެ ސުޕަނެޗުރަލް-ތުރިލާ އެއްވެސް ތާޕްސީ ކުޅެން ހަމަޖެހިފައި ވެއެވެ.
މި ހުރިހާ ފިލްމަކީ ވެސް ތާޕްސީ އަށް އޭނާގެ ހުނަރު ދައްކާލެވޭ ކަހަލަ ރޯލުތައް ހިމެނޭ ފިލްމުތަކެކެވެ.