ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

14 މަހުގެ ކުއްޖަކު ކޮވިޑްގައި މަރުވުމުން ބިރުވެރިކަން!

އިންޑިޔާގެ ގުޖްރާތުގެ ޖަމްނާނަގަރް ޑިސްޓްރިކްޓްގައި އޮންނަ އަވަށެއްގެ 14 މަހުގެ ތުއްތު ކުއްޖަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްގެ އެ ބަލީގައި މަރުވުމުން ގިނަ ބަޔަކަށް ހިތާމަ އާއި ބިރުވެރިކަން ކުރިމަތިވެއްޖެ އެވެ. އަންގާރަ ދުވަހު މަރުވި މި ކުއްޖާ އަކީ އިންޑިޔާގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން މަރުވި އެންމެ ހަގު ކުއްޖާ އެވެ.

މި ތުއްތު ކުއްޖާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އޭނާގެ އޯގަންތައް ފެއިލްވެ އަންގާރަ ދުވަހު މަރުވީ އެވެ. މި ފިރިހެންކުއްޖާ އެޑްމިޓް ކުރިއިރު ވެސް ވަރަށް ހާލުބޮޑު ކަމަށާއި ވެންޓިލޭޓަރުގެ އެހީގައި ނޭވާ ލައްވަމުން ދަނިކޮށް މަރުވުމުގެ ދެ ދުވަސް ކުރިން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

މި ކުއްޖާގެ މަރުވުމުން ޑޮކްޓަރުންނާއި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަނުން އެހާ ބިރުން އުޅެނީ އެ ކުއްޖާގެ ހަށިގަނޑަށް އިންފެކްޝަން އެރި ގޮތެއް ނޭނގިގެނެވެ. މި ކުއްޖާގެ މައިންބަފައިންނަކީ އިންޑިޔާގެ އެހެން ސްޓޭޓަކުން ގުޖްރާތަށް ވަޒީފާ އަދާކުރުމަށް އައިސްގެން އުޅޭ ދެމަފިރިންނެވެ. ފެކްޓަރީއެއްގައި މަސައްކަތްކުރާ މި ދެމަފިރިން މީން ޒަމާނަކު ވެސް އެއްވެސް ތަނަކަށް ދަތުރެއް ކޮށްފައެއް ނެތެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވީ އެއްވެސް މީހަކާ މި ދެމަފިރިން ކުރެ އެކަކާ ވެސް ދިމާވެފައެއް ވެސް ނެތެވެ.

މި ކުއްޖާ ޕޮޒިޓިވް ވުމަށްފަހު އޭނާގެ މައިންބަފައިން ކަރަންޓީނު ކޮށްފައި ވިޔަސް އެމީހުންގެ ހަށީގަނޑުން ބަލީގެ އެއްވެސް އަލާމާތެއް އަދިވެސް ނުފެނެ އެވެ. އެ ދެމަފިރިން ދިރިއުޅޭ ސަރަހައްދު މިހާޜު އެއްކޮށް ލޮކްޑައުންކޮށްގެން ވައިރަސް ފެތުރެން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް މިހާޜުވެސް ދަނީ ކުރަމުންނެވެ.

ގުޖްރާތުގައި މިހާތަނަށް 179 މީހުންނަށް މި ބަލި ޖެހިފައިވާއިރު 16 މީހަކު މަރުވެ 25 މީހެއްގެ ބަލި ފަސޭހަ ވެފައި ވެއެވެ.

މީގެ ކުރިން މި ބަލީގައި އިންޑިޔާގައި މަރުވި އެންމެ ހަގު މީހަކީ 25 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ އުއްތަރު ޕްރަދޭޝްގެ ގޯރަކްޕޫރަށް ނިސްބަތްވާ މީހެކެވެ. މާޗް 30 ގައި އެމީހާ މަރުވިތާ ދެ ދުވަސް ފަހުން އޭނާގެ ސާމްޕަލް ކޮރޮނާވައިރަހަށް ޕޮޒިޓިވް ވެފައި ވެއެވެ.

އޭނާ އެޑްމިޓްކޮށްފައި އޮތް ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާއަކީ ލިވާ އާއި ކިޑްނީގެ ބައްޔަށް ފަރުވާ ކުރާތާ ތިން މަސް ދުވަސް ވެފައިވާ މީހެއް ކަމަށެވެ. އޭނާ ބަލިވުމުގެ ކުރިން މުމްބައި އަށް ދަތުރެއް ކޮށްފައި ވިޔަސް ޑޮކްޓަރުންނާއި ކަމާ ބެހޭ ފަރާތްތަކަށް އޭނާ އޮތީ އެކަން ސިއްރު ކޮށްފައި ކަމަށާއި އެހެންވެ އޭނާ އެޑްމިޓްކޮށްފައި އޮތީ ޖެނެރަލް ވޯޑުގައި ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޕަސެންޓޭޖަކީ އެންމެ ދެ ޕަސެންޓް ނަމަވެސް އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް މި ބަލި ޖެހުމުން މަރުވާލެއް އަވަހެވެ. ސަބަބަކީ ތަފާތު ބަލިތައް ޖެހިފައިވާ މީހުންގެ ދިފާއީ ނިޒާމުގެ ބާރު ދަށްކޮށް ހުންނާތީ އެވެ.