ވަރުން ދަވަން

އޮންލައިންކޮށް ވަރުން ރިއަލިޓީ ޝޯއެއް ބާއްވަނީ

އިންޑިޔާ ލޮކްޑައުން އަކަށް ގޮސް އެންމެން ގޭގައި ތިބެން ޖެހިފައިވާއިރު ބޮލީވުޑް ތަރިން ދަނީ އެ މީހުންގެ ގޭގޭގައި ތިބެގެން ފޭނުން މުނިފޫހި ފިލާފަދަ ގިނަ ކަންތައްތަކެއް ކުރަމުންނެވެ. ބައެއް ތަރިން ތަފާތު ކާ އެއްޗެތި ތައްޔާރުކުރާ ވީޑިއޯތައް ހިއްސާ ކުރާއިރު އަނެއް ބަޔަކު ގޭތެރެ ސާފު ކުރުމާއި އަތް ދޮންނާނެ ގޮތާއި ތަށިދޮންނާނެ ގޮތް ކިޔައިދޭ ވީޑިއޯތައް ވެސް ޝެއާ ކުރަމުން ދެއެވެ. އެގޮތުން ވަރުން ދަވަން މިހާރު އަންނަނީ ބެލުންތެރިން މުނިފޫހި ފިލުވާ ދިނުމަށްޓަކައި ރިއަލިޓީ ޝޯއެއް އޮންލައިންކޮށް ކުރިޔަށް ގެންދަން ތައްޔާރު ވަމުންނެވެ.

"އެންޓަޓައިންމަންޓް ނަންބަރު 1"ގެ ނަމުގައި މި ޝޯ އޮންލައިންކޮށް ގެނެސްދޭނީ ފްލިޕްކާޓް ވީޑިއޯސް އިންނެވެ. ފްލިޕްކާފް އެޕުން އެޕްރީލް 13 ވަނަ ދުވަހު ލޯންޗުކުރަން ހަމަޖެހިފައިވާ މި ޝޯ އަކީ ފްލިޕްކާޓް އޮރިޖިނަލްސްގެ ކުޑައިގެ ދަށުން ގެނެސްދޭ މުޅިން އާ ޝޯ އެކެވެ.

މިއީ ޒުވާން ކުދިންގެ ތެރެއިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް އެ ކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެ ޝޯ އެކެވެ. އަދި މި އުނދަގޫ ވަގުތުގައި ގޭގައި ތިބެން ޖެހިފައިވާ މީހުންގެ ހިތްހަމަޖައްސައިދީ އެމީހުންގެ ހުރި ހުނަރެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ މުހިއްމުކަމެއްކަން މި ޝޯގެ ޒަރިއްޔާއިން ބެލުންތެރިންނަށް ވިސްނައިދޭނެ އެވެ.

ވަރުން އާއި ފްލިޕްކާޓް ވީޑިއޯ ގުޅިގެން ގެނެސްދޭ މި ޝޯ އަކީ ވަރަށް ޔުނީކް ސްޓޭ-އެޓް-ހޯމް ރިއަލިޓީ ޝޯ އެކެވެ. މިއީ ވަރުން އާ ވަރަށް ގުޅޭ ޝޯއެކެވެ. ސަބަބަކީ މިހާޜުވެސް ގޭގައި ހުރެގެން މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އޭނާ ކުރަމުން ދާތީ އެވެ.

ފްލިޕްކާޓް ވީޑިއޯ އާ ގުޅިގެން ކުރިޔަށް ގެންދަން އުޅޭ ޝޯ އާ ގުޅޭ ގޮތުން ވަރުން ބުނީ މިއީ އެތައް މިލިއަން މީހުންނެއްގެ ހިތްހަމަޖައްސައިދިނުމުގެ މަގްސަދުގައި ކުރިޔަށް ގެންދާ ޝޯ އެއް ކަމަށެވެ. އަންނަ ހަފުތާގައި ފަށަން ހަމަޖެހިފައިވާ މި ޝޯ އަށް އޭނާވެސް ވަރަށް އިންތިޒާރު ކުރަމުންދާ ކަމަށް ވަރުން ބުންޏެވެ.

މި ޝޯގެ ބައިވެރިންނަށް އެމީހުންގެ ޕާފޯމަންސް ސީދާކޮށް ފްލިޕްކާޓް އެޕްގެ ވީޑީއޯ ސެކްޝަނުން ރެކޯޑް ކުރެވޭނެ އެވެ. މި އެޕްގައި އެމީހުންނަށް ޚިޔާރު ކުރެވިދާނެ ގިނަ އަދަދެއްގެ ވީޑިއޯތަކާއި ޑައިލޯގްތައް ވެސް ލިބެން ހުންނާނެ އެވެ. މި ޝޯގައި ބައިވެރި ވެވެނީ 13 އަހަރުން މަތީގެ މައްޗަށެވެ. އަދި ކުޑަކުދިން ބައިވެރި ކުރެވޭނީ ބޮޑެތި މީހުން ސުޕަވައިޒްކުރަން ތިބެގެންނެވެ. ކޮންމެ ތަނެއްގައި ހުރި ކޮންމެ ޖިންސެއްގެ މީހަކަށް ވިޔަސް ޝޯގައި ބައިވެރިވެވެ އެވެ.
އަށް ހަފުތާ އަށް ކުރިޔަށް ގެންދާ މި ޝޯގައި ކޮންމެ ހަފުތާއަކުވެސް ބޮޑެތި ޗެލެންޖްތައް ހަވާލުކުރާނެ އެވެ. މިއީ ގޭގައި ތިބެގެން އިންޑިއާގެ އެންމެ ހުނަރުވެރި އެންޓަޓައިނާ ހޮވުމަށް ކުރިޔަށް ގެންދާ ޝޯ އެކެވެ. ކޮންމެ ހަފުތާއެއްގެ ވެސް އެންމެ މަގްބޫލު ބައިވެރިންނަށް އަނެއް ހަފުތާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިނާމުތަކާއި ގިފްޓް ވައުޗާތައް ވެސް ދޭން ވަނީ ހަމަޖެހިފަ އެވެ.