ދުނިޔޭގެ އެކަހެރި ހިސާބުތަކުގައި ދިރިއުޅޭ ގަބީލާތަކުގެ މީހުންނާ ހަމަޔަށް ވެސް ކޮރޯނާވައިރަސް ފޯރައި މި ވަބާގެ ބިރުވެރިކަން އިތުރުވެއްޖެ އެވެ.
އެމެޒަން ގަބީލާގެ ޔަނޮމާމީ ދަރިކޮޅުގެ 15 އަހަރުގެ ކުއްޖަކަށް ކޮވިޑް-19 ޖެހިފައިވާކަން ބްރެޒީލް ސަރުކާރުން ދާދިފަހުން ވަނީ ޔަގީންކޮށްދީފަ އެވެ.
އެހެން މީހުންނާ މުޅިން ވަކިން އެކަހެރިކޮށް މާ ދުރުގައި ދިރިއުޅޭ މި މީހުންނަށް ބަލި ޖެހުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަހަލަ ކަމެއް ކަމަށް ބްރެޒީލްގެ ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ބްރެޒީލްގެ އުތުރުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ރޮރައިމާގެ ބޯ ވިސްޓާ ކިޔާ އަވަށުގެ ހޮސްޕިޓަލެއްގައި އައިސީޔޫގައި މިހާރު މި ކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ބްރެޒީލްގެ އެކި ގަބީލާތަކުގައި ކޮރޯނާވައިރަސް ޖެހިފައިވާ ހަތް މީހުން ތިބިކަން ޔަގީން ކުރެވޭ ކަމަށް ބްރެޒީލްގެ ގްލޯބް ނޫހުން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ ހަފުތާގައި ކޮކާމާ އެތުނިކް ޓްރައިބް އަށް ނިސްބަތްވާ 20 އަހަރުގެ ޒުވާނަކު ވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.
އެންތުރޮޕޮލޮޖިސްޓުންނާއި ސިއްހީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި މި ވަބާގެ ސަބަބުން އެ ގައުމުގައި ވަރަށް އެކަހެރިކޮށް ދިރިއުޅޭ އެކި ގަބީލާތަކުގެ 850،000 މީހުންގެ ތެރެއިން ގިނަ ބަޔަކު މަރުވެދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ. ސަބަބަކީ މި މީހުންގެ ދިރިއުޅުން ހުންނަ ގޮތުން އެމީހުންނަށް އެކަކު އަނެކަކާ ދުރުގައި އުޅުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވާނެތީ އެވެ.
ނިއުސްވީކްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ކޮރޯނާވައިރަސް ކަހަލަ ބައްޔެއްގެ ސަބަބުން މިފަދަ ގަބީލާތައް ދުނިޔޭން ފޮހެވުމުގެ ބިރު އެބައޮތް ކަމަށެވެ. އަދި މިފަދަ ކަންތައްތައް ކުރީ ޒަމާންތަކުގައި ވެސް ހިނގާފައިވާކަން ތާރީހު ފޮތްތަކުން ސާބިތުވާ ކަމަށް ނިއުސްވީކްގެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެއެވެ.
ގަބީލާތަކުގެ މީހުންނަކީ އެހެން މީހުންނާ އެއްވެސް ގުޅުމެއް އޮންނަ ބަޔަކަށް ނުވާތީ އިންސާނުންނަށް ޖެހޭ ބަލިތަކަށް މި މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު އެހާ ރަހުމަތްތެރިއެއް ނޫނެވެ. އެހެންވެ އިންސާނުންނަށް ޖެހޭ ބައްޔެއް މި މީހުންނަށް ޖެހިއްޖެނަމަ މާ ބޮޑުވަރުވެ މަރުވުމުގެ ފުރުސަތު މާ ބޮޑެވެ.
ދުނިޔޭގައި ދިރިއުޅޭ މީހުންނާ މުޅިން ވަކިން އުޅޭ މި ގަބީލާތަކުގެ މެދުގައި 1970ގެ އަހަރު ތަކުގައި މެލޭރިއާ އާއި ހިމަބިހި ފެތުރިގެން ވެސް ވަރަށް ގިނަ ބަޔަކު މަރުވެފައި ވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި އުޅޭ މީހުންގެ ހަށިގަނޑަށް އެންމެ ކުޑައިރުއްސުރެ އެކި ކަހަލަ ބަލިތަކުގެ ޖަރާސީމުތައް ވަދެ އެ ޖަރާސީމުތަކަށް ހަށިގަނޑު ހޭނިފައި ވިޔަސް ގަބީލާތަކުގެ މީހުންގެ ހަށިގަނޑަށް މިފަދަ އެއްވެސް ޖަރާސީމެއްގެ އަސަރެއް ނުފޯރާ ހުންނާތީ އެ މީހުންގެ ދިފާއީ ނިޒާމަށް މި ފަދަ ބައްޔެއްގެ ވައިރަހެއް ނުވަތަ ޖަރާސީމެއް ވަދެއްޖެނަމަ ހަދާނެ ގޮތް ނޭނގި އެ މީހާގެ ފުރާނަ އަށް ނުރައްކާ ވަނީ އެވެ.