ބޮލީވުޑް

"ތޫފާން" ކުޅެން ފަރްހާން އަހްތަރު 15 ކިލޯ ބަރުވެއްޖެ

ފަރްހާން އަހްތަރު އަކީ ވަރަށް ހިކިކޮށް ހުރި އެކްޓަރެއް ނަމަވެސް މިހާރު އޭނާ ފެނުނު މީހަކު ހައިރާންވާ ވަރުގެ ބަދަލެއް އޭނާގެ ހަށިގަނޑަށް ވަނީ ގެނެއްސަ އެވެ. ފަރްހާން ހަށިގަނޑު ފަލަކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަނީ އޭނާގެ އާ ފިލްމު "ތޫފާން"ގައި ކުޅެން ޖެހޭ ރޯލުގެ ގޮތުންނެވެ.

މި ފިލްމުގައި ފަރްހާން ކުޅެނީ ޕްރޮފެޝަނަލް ބޮކްސިން ތަޅާ މީހެއްގެ ބައެވެ. މި ރޯލަށް ފިޓްވާން 15 ކިލޯ ބަރުވާން ފަރްހާން އަށް ލިބުނީ އެންމެ ހަ ހަފުތާ އެވެ. މި ޗެލެންޖް ގަބޫލުކޮށް އޭނާގެ ހަށިގަނޑަށް ހަ ހަފުތާ ތެރޭ 15 ކިލޯ އިތުރުކޮށް އަދި ވަރުގަދަޔަށް ބޮޑީބިލްޑް ވެސް ކޮށްފައި ވެއެވެ.

ފަރްހާން ބުނި ގޮތުގައި އޭނާއަށް ފިޓްނަސް އަކީ ކޮންމެ ދުވަހަކުވެސް ކޮންމެހެން ކުރަންޖެހޭ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަބަދުވެސް ސިއްހަތަށް ރަނގަޅު އަދި ވަރަށް އަހްލާގު ރަނގަޅު އުޅުމެއް އުޅެވޭތޯ ބަލާ ކަމަށާއި ހަށިގަނޑަށް ގެއްލުން ލިބޭ ކަހަލަ އެއްވެސް އެއްޗެއް ކައި ބޮއި ނުހަދާ ކަމަށް ފަރްހާން، 46، ބުންޏެވެ.

ބޮޑީބިލްޑަރެއްގެ ރޯލަށް ފިޓްވާން ދިމާވި ގޮންޖެހުންތަކާ ބެހޭ ގޮތުން ފަރްހާން ބުނީ އެންމެ ބޮޑަށް އުނދަގޫވީ ކުރިން ދިރިއުޅެމުން އައި ގޮތް ބަދަލުކުރަން ޖެހުނީމަ ކަމަށެވެ. ވަކި ކަހަލަ ކަސްރަތުތަކެއް މޮނިޓާކޮށްގެން ކުރަން ޖެހުމާއި ފިޒިކަލް އެކްޓިވިޓީތައް މަދުކޮށް ފެޓްސް، ކާބްސް އަދި ސްޓާސް ގިނައިން ހުންނަ ކާނާ ގިނައިން ކާން ޖެހުމުން ވެސް އުނދަގޫވީ ކަމަށް ފަރްހާން ބުންޏެވެ. ތެޔޮގިނައިން ހުންނަ އެއްޗެތި ކެއުން މަދު ކުރިޔަސް އެހެން އެއްޗެތި ގިނައިން ކާން ފެށުމުން އިސާހިތަކު 15 ކިލޯ ބަރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

ތޫފާންގެ ޝޫޓިން މުމްބައިގެ ވަރަށް ފަގީރު ހިސާބުގަނޑެއްގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. ނަމަވެސް މިހާރު ކޮރޯނާވައިރަހާ ގުޅިގެން އިންޑިޔާ ލޮކްޑައުން އަށް ގޮސްފައިވާތީ އެ ފިލްމުގެ ޝޫޓިންގް ވެސް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓިފަ އެވެ.

ތޫފާންގެ ބަތަލާ އަކީ މުރުނާލް ޓާކޫރް އެވެ. އަދި ޕަރޭޝް ރާވަލް ވެސް މި ފިލްމުގައި ވަރަށް މުހިއްމު ކެރެކްޓާއެއް ކުޅެ އެވެ. ފިލްމު ރިލީޒްކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު 18 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ކޮރޯނާވައިރަސްގެ ސަބަބުން ހުރިހާ ޝޫޓިންގް އެއް ހުއްޓިފައިވާތީ މި ތާރީޚުގައި ފިލްމު ރިލިޒް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.