ބޮލީވުޑް

"އޭކް ދޯ ތީން" ޝޫޓްކުރީ 1000 މީހުންގެ ލައިވް އޯޑިއަންސަކާއެކު

"ތޭޒާބު" އަށް މާދުރީ ޑިކްޝިޓް ނަށާފައިވާ "އޭކް ދޯ ތީން" ލަވައަކީ ހިންދީ ފިލްމު ބަލާ އެއްވެސް މީހަކަށް ހަނދާން ނައްތާ ލެވޭނެ ލަވައެއް ނޫނެވެ. މި ލަވައިގެ ޝޫޓިންގްގައި ދިމާވި ހެއްވާ މަޖާ ވަރަށް ގިނަ ވާހަކަތަކެއް ދާދިފަހުން މާދުރީ ވަނީ ޓުވިޓާގައި ޝެއާ ކޮށްފަ އެވެ.

މާދުރީ ބުނި ގޮތުގައި މި ލަވަ ޝޫޓްކޮށްފައިވަނީ 1000 މީހުންގެ ލައިވް އޯޑިއަންސް އެއްގެ ކުރިމަތީގައި ކަމަށެވެ. އެހެންވެ މި ލަވަ އަބަދުވެސް އޭނާއަށް ވަރަށް ހާއްސަ ކަމަށާއި ލަވަޔަށް ތައްޔާރުވުމުގެ ގޮތުން 10-15 ދުވަހު ރިހާސަލް ކުރިޔަށް ގެންދިޔަ ކަމަށް މާދުރީ ބުންޏެވެ.

އެ ލަވައިގެ ހޫކްއަޕް ސްޓެޕް މީހުންނަށް މަގްބޫލު ވީވަރުން ފިލްމު ބަލަން ސިނަމާއަށް ދިޔަ ގިނަ ބަޔަކު އެ ލަވަ ނިމުމުން އަލުން ލަވަ ރިޕީޓް ކޮށްދޭން އެދެމުން ދިޔަކަމަށާއި ލަވަ ދައްކަމުންދިޔަ ވަގުތު މީހުން ސްކްރީނާ ދިމާލަށް ރުފިޔާ އުކި ވާހަކަ އިވުމުން ވަރަށް ހައިރާންވި ކަމަށް ވެސް މާދުރީ ބުންޏެވެ.

އޭކް ދޯ ތީން ލަވަ މީހުންގެ ކުރިމަތީގައި މަގްބޫލުވީ ވަރަކުން އޭނާއާ ދިމާލަށް ވެސް މީހުން ގޮވަނީ މޯހިނީ އޭ ކިޔާފައި ކަމަށް މާދުރީގެ ޓުވީޓްގައި ބުނެފައި ވެއެވެ.

އެ ލަވަ ކުޅެން އުޅުނުއިރު އެހާ ބޮޑަށް ލަވަ މަޝްހޫރު ވެދާނެކަމަށް ހީކުރިންތޯ މާދުރީ އާ މީހަކު ޓުވިޓާގައި ސުވާލު ކުރުމުން އޭނާ ބުނީ އެހާ މަޝްހޫރުވެދާނެކަމަށް ހީނުކުރާ ކަމަށެވެ. ނަމަވެސް އެހާ ކާމިޔާބު ލަވައަކަށް އެ ލަވަ ވުމުން ހަމަ ގައިމުވެސް ވަރަށް އުފާވި ކަމަށް އޭނާ ބުންޏެވެ. މި ލަވައިގެ މަގްބޫލުކަން ހުރި ވަރަކުން މީގެ ފިރިހެން ވާޝަން އެއް ވެސް ފިލްމު ރިލީޒްކުރިތާ އެތައް ދުވަހެއް ވަނީ ނެރުނެވެ.

އޭކް ދޯ ތީން ލަވަ އާއި އެ ފިލްމުގެ ކުރިން މާދުރީ އަކީ ބޮލީވުޑްގައި އެހާ މަޝްހޫރު ބަތަލާއެއް ނޫނެވެ. އޭނާގެ ތަރި މެދުއުޑުގައި ފިޔަޖަހަން ފެށީ މި ފިލްމު 1988 ގައި ރިލީޒްވުމަށް ފަހު އެވެ.

އެން ޗަންދުރާ ޑައިރެކްޓްކުރި މި ފިލްމުގެ ބަތަލަކީ އަނިލް ކަޕޫރެވެ. "އޭކް ދޯ ތީން" އާއި މި ނޫންވެސް ފިލްމުގެ ހުރިހާ ލަވައެއް ތައްޔާރުކޮށްދިނީ ލަކްޝްމީކާންތު-ޕިޔާރޭލާލް އެވެ.