ބޭރު ކުޅިވަރު

ލިވަޕޫލް މާބަލި، ޔުނައިޓެޑް މާމޮޅު

Sep 13, 2015

ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލް އަތުން މެންޗެސްޓާ ޔުނައިޓެޑް 3-1 އިން މޮޅުވި މެޗަށް ފަހު ލިވަޕޫލް ބަލި ކަމަށާއި ޔުނައިޓެޑް މޮޅު ކަމަށް ދެ ޓީމުގެ ކޯޗުން ބުނެފި އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ ލިބުނު ހިލޭ ޖެހުމަކުން ޔުނައިޓެޑު ދެނީ ބްލައިންޑެވެ. ދެ ވަނަ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުން އެންޑާ ހެރޭރާ އެވެ. އޭގެ ފަހުން ލިވަޕޫލްގެ ކްރިސްޓިއަން ބެންޓެކޭ 85 މިނިޓްގައި މޮޅު ގޯލެއް ޖެހި ނަމަވެސް އޭގެ ދެ މިނިޓް ފަހުން ޔުނައިޓެޑުގެ އަގު ބޮޑު ޒުވާން ފޯވަޑް އެންތަނީ މާޝިއަލް ލިވަޕޫލްގެ ހިތްކުދިކުދިކޮށްލި އެވެ.

މެޗަށް ފަހު ޔުނައިޓެޑުގެ ކޯޗު ލުއިސް ވެންހާލް ބުނީ މެޗުގެ ފުރަތަމަ ލަނޑާމެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެއީ އެތައް ފަހަރަކު ޕްރެކްޓިސް ކޮށްފައިވާ ކަމެއް ކަމަށެވެ.

އަދި މާޝިއަލްގެ ގޯލުން އޭނާއަކީ ޕްރެމިއާ ލީގުގައި ކުޅެވޭ ފެންވަރު ހުރި ކުޅުންތެރިއެއްކަން ސާބިތު ވެއްޖެ ކަމަށެވެ.

"ފުރަތަމަ ގޯލަކީ މެޗު އަހަރުމެންކޮޅަސް ބަދަލުކޮށްލި ގޯލު. އޭގެ ސަބަބުން ލިވަޕޫލުން އަހަރުމެން ކުޅެގަންނަން ފުރުސަތުދޭން މަޖުބޫރުވި. އަހަރުމެން ރަނގަޅަށް ކުޅުނަސް ފުރަތަމަ ހާފުގައި މާގިނަ ފުރުސަތެއް ކެރިއޭޓްނުކުރެވުނު. އެކަމަކު އަހަރުމެން ގޭމް ކޮންޓްރޯލްކުރީ،" ވެންހާލް ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސް ކުރި ނަމަވެސް ފަހުހާފުގައި އޭނާގެ ޓީމުން ވަރަށް ގިނަކަންކަން ރަނގަޅު ކުރަންޖެހޭ ކަން އެނގުނު ކަމަށެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ ފަސް މެޗުން 10 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. ފަސް މެޗުން ހަތް ޕޮއިންޓާއެކު ލިވަޕޫލް އޮތީ ނުވަވަނާގަ އެވެ.