ލޭ ހަދިޔާ ކުރުން

ލޭ ލިބުން ދަތިވެ، އަނެއްކާވެސް އެހީއަށް

މިދުވަސްވަރު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރި ކަމަށް އަނެއްކާ ވެސް އެދިއްޖެ އެވެ.

މީގެ ކުރިން ވެސް މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން ވަނީ ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރި ކަމަށް އެދިފަ އެވެ.

މިއަދު އެމްބީއެސްއިން ބުނީ މިހާރު އެ ސާވިސްގައި ލޭ ހުރީ ވަަރަށް މަދުން ކަމަށާއި ހާއްސަކޮށް އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވް ލޭ ހުރި މިންވަރު ވެސް ވަރަށް މަދު ކަމަށެވެ. އެހެން ކަމުން ލޭ ހަދިޔާ ކުރުމަށް އެމްބީއެސްއިން ވަނީ އެދިފަ އެވެ.

ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު ވެސް ލޭ ހަދިޔާ ކުރެވޭނެ އެވެ. އެގޮތުން ހެދުނު 8:00 ފެށިގެން މެންދުރު ފަހު 15:00 އަށް ލޭ ހަދިޔާ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

މިދުވަސްވަރު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރިކަމަށް ކުރިން އެދުމުން ގިނަ ބަޔަކު ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކުން އިސް ނަގައިގެން ވެސް ލޭ ހަދިޔާ ކުރުމުގެ ޕްރަގްރާމްތައް ވަނީ ހިންގާފަ އެވެ.