ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19 ޖެހުނު ދިވެއްސެއް ރަނގަޅުވެއްޖެ

Apr 12, 2020

ކޮވިޑް-19 ބަލި ޖެހިފައިވާ ދިވެއްސަކު ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 މައްސަލާގައި ސަރުކާރު ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއަށް ފަރުވާދީ ރަނގަޅުވެފައިވާ ކަމަށެވެ. އެއީ މިދިޔަ މަހު 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި އުމުރުން 38 އަހަރުގެ ދިވެއްސެކެވެ.

އެ މީހާ ރަނގަޅުވި ކަމަށް ސަރުކާރުން އިއުލާން ކުރިއިރު މިއަދު އިތުރު ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓީވްވެފައިވާ ކަން ވެސް ވަނީ ހާމަކޮށްފަ އެވެ. އެއާއެކު ރާއްޖޭގައި މިހާރު ކޮރޯނާވައިރަސް ޖެހިފައި ވަނީ ހަތަރު މީހަކަށެވެ. އެ އެންމެނަކީ ވެސް ދިވެހިންނެވެ.

ދުނިޔޭގައި ވެސް މިހާތަނަށް ކޮވިޑް-19 އަށް ފަރުވާއެއް ހޯދިފައި ނުވާއިރު ރާއްޖޭގައި ޖުމުލަ 20 މީހަކަށް އެ ވައިރަސް ޖެހުނެވެ. އަދި މިހާތަނަށް 14 މީހުން ވަނީ ރަނގަޅުވެފަ އެވެ.