ބޮލީވުޑް

އަމްޖާދު ޚާނަށް "ޝޯލޭ" ކުޅެން ލިބުނީ އާދަޔާޚިލާފު ގޮތަކަށް

ޑައިރެކްޓަރު ރަމޭޝް ސިއްޕީގެ "ޝޯލޭ" އަށް 45 އަހަރު މިހާރު ވަނީ ފުރިފަ އެވެ. ނަމަވެސް މިހާރު ވެސް އެންމެ މަގްބޫލު ބޮލީވުޑް ފިލްމަކީ ކޮބައިތޯ ސުވާލު ކޮށްފިނަމަ ގިނަ ބަޔަކު ބުނާނީ "ޝޯލޭ" ކަމަށެވެ. ނަމަވެސް "ޝޯލޭ" މިފަދަ ކްލެސިކް ހިޓަކަށް ވުމުގައި އެ ފިލްމުގައި އެކި ރޯލުތައް އަދާކުރި ތަރިންނާއި އެ ތަރިންގެ ކެރެކްޓާތަކާއި ޑައިލޯގްތައް ލިޔުނު ލިޔުންތެރިންގެ ހިއްސާ ވަރަށް ބޮޑެވެ.

ޖައި-ވީރޫގެ އާދަޔާޚިލާފު އެކުވެރިކަމުގެ ގުޅުން، ބަސަންތީ-ދަންނޯގެ ވަރުގަދަ ގުޅުން، މީގެ އިތުރުން އެ ފިލްމު ލިޔެފައިވާލެއް މޮޅުކަމުން މިއީ ފިލްމު އެހާ މޮޅު ވުމުގެ ސަބަބެވެ. ޚާއްސަކޮށް ފިލްމުގައި ނުބައިބައިމީހާ ގައްބަރް ސިންގްގެ ރޯލު އަމްޖަދު ޚާން ކުޅެފައިވާލެއް ފުރިހަމަ ކަމުން މިއަދާ ހަމަޔަށް ވެސް އެ ފިލްމުން ގިނަ ބަޔަކު އެންމެ ބޮޑަށް ހަނދާން ކުރަނީ އެ ކެރެކްޓާ އެވެ. ނަމަވެސް އަމްޖަދު ޚާނަށް މި ރޯލު ލިބުނީ ވަރަށް އާދަޔާޚިލާފު ގޮތަކަށް ކަން އެނގޭ ހެއްޔެވެ؟ އަދި އޭނާއަށް އެ ރޯލު ކުޅުމުގެ ފުރުސަތު ގެއްލެން ވެސް އުޅުނެވެ. ނަމަވެސް ނަސީބަކުން އެ ރޯލު ފަހުން އަނެއްކާ ވެސް އޭނާއަށް ލިބުނީ އެވެ.

"ޝޯލޭ" ގެ ލިޔުންތެރިން ކަމަށްވާ ސަލީމް-ޖާވީދު އެ ފިލްމާ ބެހޭ ގޮތުން ހިއްސާ ކޮށްފައިވާ މައުލޫމަތަށް ބަލާއިރު އެ ފިލްމު ލިޔުމުގެ އިތުރުން އެކި ރޯލުތަކަށް ފިޓްވާނެ މީހުން ހޯދުމުގެ މަސައްކަތުގައި ވެސް އެމީހުން ޑައިރެކްޓަރު ރަމޭޝް އަށް އެހީތެރިކަން ފޯރުކޮށްދިނެވެ.

ޖާވީދު އަޚްތަރު ބުނެފައިވާ ގޮތުގައި ގައްބަރް ސިންގްގެ ރޯލަކީ މިހާތަނަށް އޭނާ އެންމެ ހިތްހަމަޖެހިގެން އުފަލުން ހުރެގެން ލިޔެވުނު ރޯލެވެ. "ޝޯލޭ" ގެ ވާހަކަ ލިޔަމުން ދިޔައިރު ގައްބަރްގެ ކެރެކްޓާ ލިޔަން ފަށާ ކޮންމެ ފަހަރަކު އާދަޔާޚިލާފު އުފަލެއް އިހްސާސްވަމުން ދިޔަ ކަމަށް ޖާވީދު ބުންޏެވެ.

ގައްބަރްގެ ރޯލަށް އެންމެ ކުރިން ސޮއި ކުރީ ޑެނީ ޑެންޒޮޕާ އެވެ. ނަމަވެސް މާ ކުރިއްސުރެ ފީރޯޒް ޚާންގެ "ދަރްމާތުމާ" ކުޅެން ޑެނީ އެއްބަސް ވެފައި އޮތުމުން އޭނާއަށް ގައްބަރްގެ ރޯލު ދޫކޮށްލަން މަޖްބޫރުވީ އެވެ. ޑެނީ ފިލްމު ދޫކޮށްލުމުން އަނެއްކާވެސް ގައްބަރް ހޯދުމުގެ މަސައްކަތް ޖާވީދު މެން ފެށި އެވެ. އެހިސާބުން ޖާވީދަށް އަމްޖަދު ޚާން މަތިން ހަނދާންވި އެވެ. އެއީ 1963 ގައި ބެލި ފިލްމެއް ކަމަށްވާ "އޭ މޭރެ ވަތަން ކޭ ލޯގޯ" ގައި އަމްޖަދު ކުޅެފައިވާ ރޯލެއް ފެނިފައި ވާތީ އެވެ.

"ޝޯލޭ"އަކީ ސަލީމް އާއި ޖާވީދު ޕާޓްނަޝިޕް ހަދައިގެން ލިޔުނު އިރުގެ ފިލްމަކަށް ވާތީ އޭރު ވަރަށް ގިނަ ފަހަރު މަތިން އަމްޖަދުގެ ވާހަކަ އޭނާ ސަލީމް ކައިރީގައި ދެއްކި އެވެ. ސަލީމަށް އަމްޖަދުގެ ބައްޕަ ޖަޔަންތު އެނގެ އެވެ. އެއް ދުވަހަކު އިއްތިފާގުން ބާންދްރާ ބަސް ސްޓޭންޑަކުން ސަލީމަށް އަމްޖަދާ ބައްދަލުވި އެވެ. އަދި ވަގުތުން ޑައިރެކްޓަރު ރަމޭޝް ކައިރިއަށް ހިނގާށޭ ބުންޏެވެ.

ގައްބަރްގެ ރޯލަކީ އޭނާގެ ކެރިއަރުގައި ވެސް ކުޅެން ނުލިބޭނެ ފަދަ މޮޅު ރޯލެއް ކަމަށް އަމްޖަދު ކައިރީގައި ސަލީމް ބުންޏެވެ.

ރަމޭޝް ސިއްޕީ ބުނެފައިވާ ގޮތުގައި އަމްޖަދު ގޮވައިގެން ސަލީމް އައިސް އޭނާގެ އޮފީހަށް ވަނުމާއެކު އެއީ ގައްބަރްގެ ރޯލަށް އެމީހުން ހޯދާ މީހާކަން ޔަގީންވި އެވެ. ނަމަވެސް އަމްޖަދުގެ އަޑު ހުންނަ ގޮތުން ގައްބަރްގެ ކެރެކްޓާއަށް އެއްގޮތަކަށް ވެސް އޭނާގެ އަޑު ނުގުޅޭ ކަމަށް އެމީހުންނަށް ގަބޫލު ކުރެވި މާޔޫސްވި އެވެ. އެންމެ ރޯލަކަށް ވެސް ނުގުޅޭ މީހަކު ކާސްޓް ކުރެވިއްޖެނަމަ އެމީހުންގެ އެހާ އުންމީދީ ފިލްމެއްގެ ދުވަސް ހިނގައިދާނެކަމަށް ގަބޫލުކުރެވި އަމްޖަދުގެ ބަދަލުގައި އެހެން މީހެއް ހޯދަން ޑައިރެކްޓަރު ރަމޭޝްގެ ކިބައިން ސަލީމާއި ޖާވީދު އެދުނެވެ.

ގައްބަރްގެ ރޯލު ކުޅެން ލިބުނީ ކަމަށް ހިތާ އުފަލުން ހުރި އަމްޖަދަށް އޭނާ އެ ރޯލަށް ނުނަގާނެކަން އެނގުމުން ވަރަށް ދެރަވި އެވެ. މިއީ އޭނާގެ ބަލިކަށި ކެރިއަރުގައި އެޅުނު އިތުރު ތަފާލެއް ކަމަށް އަމްޖަދު ގަބޫލުކުރި އެވެ. ސަލީމް-ޖާވީދު ދެކެ ވަރަށް ރުޅިއައިސް އެ މީހުންނަށް ދުވަހަކުވެސް މާފު ނުކުރާން ނިންމި އެވެ.

ގައްބަރްގެ ރޯލަށް އަމްޖަދު ފިޓް ނުވާ ކަމަށް ސަލީމާއި ޖާވީދަށް ގަބޫލު ކުރެވުނަސް ޑައިރެކްޓަރަށް އަމްޖަދާ މެދު ހިތްހަމަޖެހެ އެވެ. އެހެންވެ އޭނާ ލައްވާ އެ ރޯލު ކުޅުވަން ރަމޭޝް ނިންމި އެވެ. ލިޔުންތެރިންނާ ދެކޮޅަށެވެ. އޭނާގެ މި ނިންމުންވީ ވަރަށް ރަނގަޅު ނިންމުމަކަށެވެ. ފިލްމު ބެލި އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ގައްބަރްގެ ރޯލު އަމްޖަދު ޚާން ކުޅުނު ފެންވަރަށް ކުޅެވޭނެ އެކަކުވެސް ނެތެވެ.

މި ހާދިސާއާ ގުޅިގެން ދިމާވި އެކި ކަންތައްތަކުގައި އުފެދުނު ނަފްރަތާއި ރުޅިވެރިކަމާހެދި ސަލީމާއި ޖާވީދު ދުވަހަކުވެސް އަމްޖަދު ޚާނާއެކު މަސައްކަތެއް ނުކުރެ އެވެ.

އެންމެ ހައިރާންވާން ޖެހޭ އަނެއް ކަމަކީ "ޝޯލޭ" ގައި އެންމެ މުހިއްމު ބައެއް ކެރެކްޓާތައް އަދާކުރި އަމީތާބު ބައްޗަން އާއި ސަންޖީވް ކުމާރު ވެސް ގައްބަރްގެ ރޯލު ކުޅެން ޝައުގުވެރިވީ ކަމެވެ. އެ ރޯލު ލިޔެފައިވާލެއް މޮޅުވެފައި ފުރިހަމަ ކަމުން އެ ދުވަސްވަރު ހީރޯގެ ރޯލުތައް އަދާކުރި އެކްޓަރުން ވެސް އެއްވެސް ފަސް ޖެހުމެއް ނެތި ގައްބަރްގެ ރޯލު ކުޅެލަން ތައްޔާރުވި އެވެ. ސަންޖީވް ކުމާރު އެ ރޯލު ބޭނުން ވެފައި ހުރި ވަރުން އޭނާގެ ބޯ ތަލަކޮށް ދަތްތަކުގައި ކަޅުކުލަ ޖައްސަން ވެސް އެއްބަސްވީ ކަމަށް ވެއެވެ.