ބޮލީވުޑް

ކޮވިޑް-19 އަށްފަހު ބޮލީވުޑް: ގައިގޯޅި މަންޒަރު ކުޅޭނީ ކިހިނެއް؟

ކޮވިޑް-19 އޭ މި ކިޔާ ވަރުގަދަ ބަަލާއާފާތް މައިތިރިވެ އަލުން ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް ފެށުމުން ކުރިން ކުޅުނު ގޮތަކަށް ގައިގޯޅި މަންޒަރުތައް ކުޅެން އެކްޓަރުން އެއްބަސް ވެދާނެ ހެއްޔެވެ؟ މިއީ ފިލްމު "ޕީކޫ" ގެ ޑައިރެކްޓަރު ޝޫޖިތު ސިރްކާރް އިންސްޓަގްރާމްގައި ލިޔެފައިވާ މެސެޖެއްގައި ފާޅުކުރި ވަރަށް ރަނގަޅު އެހާމެ ޝައުގުވެރިވާ ކަހަލަ ސުވާލެކެވެ.

"ސިނަމާގެ ދުނިޔެއިން ގައިގޯޅި މަންޒަރުތައް ދެން ކުޅޭނީ ކޮން ގޮތަކަށް ހެއްޔެވެ؟ ކޮރޯނާވައިރަސްގެ ކަންތައް ނިމުމުން އަލުން ފިލްމުތަކުގެ މަސައްކަތް ފެށުމާއެކު ދޮން ދިނުމާއި ބައްދާ ހެދުން ފަދަ ގައިގޯޅި މަންޒަރުތަކަށް އެކްޓަރުން ބުނާނީ ކީކޭ ބާއެވެ؟" ޑައިރެކްޓަރު ސުވާލު އުފައްދާފައި ވެއެވެ.

މި މެސެޖަށް ބޮލީވުޑް ބައެއް ތަރިން ކޮމެންޓްކޮށްފައި ވެއެވެ. އެގޮތުން ބަތަލާ ދިއާ މިރްޒާ ބުނެފައި ވަނީ ފިލްމު އުފެއްދުމުގެ މުޅި މަރުހަލާ އަކީ ވެސް ވަރަށް ގައިގޯޅިކޮށް ގިނަ ބަޔަކު މަސައްކަތްކުރަން ޖެހޭ މަރުހަލާ ތަކެއް ކަމަށެވެ. ވަރަށް ގިނަ ބަޔަކު އެކުވެގެން ވަރަށް އެކުވެރިކަމާއި ބަދަހިކަމާއެކު ގައިގޯޅިކަމާއެކު ގިނަ ދުވަސްތަކަކު މަސައްކަތް ކޮށްގެން ނޫނީ ފިލްމެއް ނުނިންމޭނެ ކަން ދިއާ ފާހަގަ ކުރި އެވެ.

"ތި ދައްކަނީ ގައިގޯޅި މަންޒަރުތަކުގެ ވާހަކަ. ކިހިނެއް އެމަންޒަރުތައް ބަދަލު ކުރެވޭނީ. ފިލްމު ކުރޫގެ އެންމެން އެހެންވިއްޔާ ތިބެން ޖެހޭނީ މާސްކް އަޅައި ދެ އަތަށް އަންގި ލައްވައިގެނެއްނު،" ދިއާ ބުނެފައި ވެއެވެ.

ޝޫޖިތުގެ ޕޯސްޓަށް ކޮމެންޓުކުރި މީހަކު ވަނީ 70 އާއި 80 އިގެ އަހަރު ތަކުގައި ބޮލީވުޑް ފިލްމުތަކުގައި ދޮން ދޭ މަންޒަރުތައް ދެއްކުމުގެ ގޮތުން ދެ މާ ގުޅުވާލާ ތަން ދައްކާ ގޮތަށް އެގޮތަށް އަމަލު ކުރަން މަޝްވަރާ ދީފަ އެވެ.

ކުރިމަގުގައި ފިލްމު ޝޫޓްތައް ކުރިޔަށް ދާނެ ގޮތް ޚިޔާލަށް ގެންނަމުން އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވަނީ ހަމައެކަނި ގައިގޯޅި މަންޒަރުތަކުގެ ވާހަކަ ނުދައްކާ ފިލްމުތައް ޝޫޓް ކުރާނީ ކިހިނެއްތޯ ވެސް ވިސްނާލަން ޖެހޭ ކަމަށެވެ. ކޮންމެ ޝޫޓިންގެއެއްގައި 50 އަށް ވުރެ ގިނަ މީހުން އުޅޭއިރު ދިގު މުއްދަތަކަށް ގިނަ ބަޔަކު އެއްވެ ނޫޅެން އިންޑިޔާ ސަރުކާރުން އަންގައިފިއްޔާ ހަދާނީ ކިހިނެއްތޯ މި މީހާ ސުވާލު ކޮށްފައި ވެއެވެ.

އެހެން މީހަކު ދިނީ މާ މޮޅު ޚިޔާލެކެވެ. ގައިގޯޅި މަންޒަރުތައް ޝޫޓްކުރުމުގެ ކުރިން ތަރިންގެ ސިއްހީ ހާލަތު ޗެކް ކުރުމެވެ. މެޑިކަލް ޓެސްޓް ހަދާފައި ނޫނީ އެކްޓަރުން ލައްވާ ގައިގޯޅި މަންޒަރުތައް ނުކުޅުވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެމީހާ ޚިޔާލު ފާޅު ކޮށްފައި ވެއެވެ.

"ކޮރޯނާވައިރަހަށް ވެކްސިނެއް ލިބެންދެން ގައިގޯޅި މަންޒަރުތައް ވާޗުއަލްކޮށް ގެންދިއުން ރަނގަޅުވާނެ،" އެމީހާގެ ކޮމެންޓުގައި ވެއެވެ.