ހަބަރު

އެމްއޭސީއެލްގެ މުވައްޒަފުންނަށް ބަހުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަނީ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ މުވައްޒަފުންނަށް ބަހުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް އެކުންފުނިން އިއުލާންކޮށްފި އެވެ.

އެމް.އޭ.ސީ.އެލް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފުން މާލެއިން ހުޅުލެއަށް ގެނެސް އަދި އަނބުރާ ގެންދިއުމަށްޓަކައި، ކުންފުނިންދޭ ތާވަލާއި އެއްގޮތަށް އަމިއްލަ ހަރަދުގައި ބަހުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ދުވާލެއްގެ މައްޗަށް ކޮޅަކަށް ގާތްގަނޑަކަށް 1600 މުވައްޒަފުން އުފުލަން ޖެހޭނެ ކަމަށާއި އެހެން ކަމުން މި ކަމަށް އެދި ކުރިމަތިލާ ފަރާތްތަކަކީ ބާރުބޮޑު ގަޑިތަކުގައި ގާތްގަނޑަކަށް 600 މުވައްޒަފުން އުފުލޭވަރުގެ ގާބިލްކަން ހުރި ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހު 00:00ގެ ކުރިން ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެކުންފުނިން ވަނީ އެދިފަ އެވެ. އަދި ޝައުގުވެރިކަންފާޅު ކުރާ ފަރާތްތަށް ރެޖިސްޓްރީ ކުރާނެ ކަމަށާއި، އެފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ބީލަންތައް މިމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ހުށަހަޅާންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.