ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މުޑުދާރު އަމަލަށް ބަލަހައްޓައިގެން ތިބެނީތަ؟

Apr 14, 2020
10

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔެއަށް ދިމާވެފައި މިއޮތީ ވަރަށް ދަތި އެހާ އުނދަގޫ ހާލަތެކެވެ. ވަކިން ހާއްސަކޮށް ރާއްޖެއަށް މި ކޮރޯނާވައިރަހަކީ ބާރަށް "އުދުހޭ" ނުރައްކާތެރި ވައިރަހެއްގެ އިތުރުން އިގްތިސޯދަށް އައި ވަރަށް ބިޔަ ބޮޑު ތޫފާނެކަށް ވެފައި ވެއެވެ. ދިވެހިންނަށް މިކަންތައް ލައިގަތް ފަހުން އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ އަސަރު ވަރަށް ބޮޑަށް ކޮށް ގިނަ އުނދަގޫތަކާ ތަހައްމަލު ކުރަން ވެސް ޖެހިއްޖެ އެވެ.

އެއްބަޔަކު ތިބީ ވައިރަހުގެ "ހާއްޔަކަށް" ވެފައިވާ ގައުމުތަކުގައި، ތާށިވެ ބިރުވެރިކަމެއްގެ ތެރޭ ރާއްޖެއަށް އާދެވޭނެ މަގެއް ނެތި ބަންދުވެފަ އެވެ. އަނެއްބައި މީހުން ވަޒީފާތަކުން ވަކިކޮށް ގެއަށް ފޮނުވާލަނީ އެވެ. އަދި ބަލި ފެތުރުނަ ނުދިނުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައެއް ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބަށް ގޮސް އެ މީހުން ނިކަމެތި ވެފައި ވެ އެވެ.

މި ހާލަތުގައި އަޑު އަހަން އެންމެ އުނދަގޫވާނެ ވާހަކައަކީ އެ ހުރިހާ ކަމަކަށް ހައްލު ހޯދައިދޭން އޮތް ސަރުކާރުގެ ތެރެއަށް ބަޔަކު ނުފޫޒުގެ "އަތްބާނައި" އެހެން މީހުންގެ ހައްގުތަކަށް "ފައިން އަރައި" ބާރުގަދަ މީހުންނާއި ސަރުކާރު ހިންގަން ތިބި ފަރާތްތަކާއި އެ މީހުންގެ އާއިލާތައް "ދެމިގަންނަ" ކަމުގެ ވާހަކަ އާއި ޝަކުވާ އެވެ. މިއީ އެއްގޮތަކަށް ވެސް އެއްޗެކޭ ނުބުނެ ހުރެވޭނެ ވަގުތެއް ނޫނެވެ. އަދި ސަމާލުކަން ނުދީ ބޭއްވޭނެ މައްސަލައެއް ވެސް ނޫނެވެ.

ސަރުކާރުގެ ތެރެއިން ނުފޫޒުގެ ބޭނުން ކޮށްގެން ޓިކެޓް ހޯދާ ކަމާއި ސިއްހީ ހާލަތުގެ ނަމުގައި ވައްކަން ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެހެން ނަމަވެސް އެކަންކަމަށް އަމާޒުކޮށް މިވަގުތު ސަރުކާރުގެ މޫނުމަތި ރީތިކޮށް ކޮވިޑް-19 އިގެ މައުލޫމާތު ދިނުމުގެ މައްސޫލިއްޔަތު އަދާ ކުރައްވާ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވި ގޮތުގައި އެއީ "ހަޑި މުޑުދާރު އަމަލެ" ކެވެ.

"މިފަދަ ހާލަތެއްގައި ނުފޫޒެއް، ބާރެއް ބޭނުން ކޮށްގެން، އެއީ ސަރުކާރުގެ ތެރެއިން އޮތް ނުފޫޒެއް ބޭނުން ކޮށްގެން ކަމަށް ވިޔަސް، ވިޔަފާރިއެއް ކުރައްވާ ބޭފުޅަކު އަތުގައި އޮތް ނުފޫޒެއް ވިޔަސް، ނުފޫޒެއް ބޭނުން ކޮށްގެން މިފަދަ ހައްސާސް ވަގުތެއްގައި ވަކި ގޮތަކަށް މީހަކު ދަންނަ މީހަކަށް ޓިކެޓެއް ހޯދައިދޭން އުޅުމަކީ ހަޑި މުޑުދާރު އަމަލެއް. ހަމަ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެއީ އެންމެނަށް ވެސް އެނގޭ ވާހަކައެކެވެ. ނުފޫޒާއި ބާރު ބޭނުން ކޮށްގެން ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމަކީ ގާނޫނުތަކުން ވެސް މަނާ ކުރާ އަދި މި ހާލަތުގައި ނޫނަސް ވަރަށް ހަޑި މުޑުދާރު އަމަލެކެވެ. އެކަމަކު މި ހާލަތުގައި މިކަން ހިނގައިގެން އުޅެނީ މަބްރޫކް ވެސް ތަމްސީލް ކުރައްވާ ސަރުކާރުގެ ތެރެއިންނެވެ. އެހެންކަމުން އެހެން އެކަނި ވިދާޅު ވެގެން ފުދޭ ހެއްޔެވެ؟

މި ކަންކަމުގެ ހުޅު އެންމެ ފުރަތަމަ ރޯވެގެން ދިޔައީ ސަރުކާރުގެ "ރެސްކިއު ފްލައިޓުތަކެއް" އެހެން ގައުމުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުން ބަލައި ދާން ނިންމި ހިސާބުންނެވެ. އެ ފްލައިޓުތައް ދިޔަ އިރު ކޯޓާ ބަހައިގެން ސަރުކާރުގެ ވެރިންގެ އާއިލާތަކާއި ދަންނަ ގާތް މީހުންނަށް ސީޓުތައް ބަހައި ނިންމާލާފައިވާ ކަމުގެ އަޑުތައް ގަދަވި އެވެ. މީގެ ކުރިން ވެސް އެފަދަ ކަންކަމުގައި ނުފޫޒުގަދަ މީހުން ކުރި ހޯދަ އެވެ. އެއީ ވަކި ސަރުކާރެއް ވަކި އެއާލައިނެއް ވެގެން ވާކަމެއް ނޫނެވެ.

އެހެން ނަމަވެސް ފުރާނައަށް ނުރައްކާވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ އެތައް ބަޔަކު އެބަ ތިއްބެވެ. އެ މީހުންގެ ޝަކުވާތައް ވަރަށް ސީރިއަސް އެވެ.

"އަޅުގަނޑު ސްރީ ލަންކާއަށް އައީ ޑޮކްޓަރަށް ދައްކަން، އަނބުރާ ފުރަން އެއް ދުވަހަށް ވިތަނާ ކާފިއު އިއުލާން ކުރީ. އޭގެ ފަހުން ދިވެއްސެއްގެ ގޭގައި މި ހުންނަނީ ކުއްޔަށް. އާއިލާއާ ދުރުގައި. ކޮންމެ ދުވަހަކު އެމްބަސީއަށް ގުޅާފަ މި ވާހަކަ ދައްކަން. އަދި މާލޭގައި އަދާ ކުރާ ވަޒީފާ އިން ވެސް ކަނޑާލަފާނެ ކަމުގެ ބިރު އެބައޮތް،" ސްރީ ލަންކާގައި މިވަގުތު ހުރި ދިވެހި ފިރިހެނަކު ބުންޏެވެ.

ސަރުކާރުން ލަންކާއަށް ފްލައިޓު އޮޕަރޭޓު ކުރަން ނިންމި ހިސާބުން އެންމެ ފުރަތަމަ ބުނި ގޮތުގައި އިސްކަން ދޭނީ އެންމެ ހާލުގައި ތިބި މީހުންނަށެވެ. އަދި އެއަށް ފަހު ޕާސްޕޯޓު ފޮޓޯ ފޮނުވަން ވައިބާ ނަމްބަރެއް ހަމަޖެއްސި އެވެ. ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ ދިވެހިން ލަންކާގައި ދިރިއުޅެމުން އަންނައިރު އެ ނަމްބަރު އާންމު ކުރި ހިސާބުން އެއްފަހަރާ އެތައް ބަޔަކު އެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރި އެވެ.

އެހެން ނަމަވެސް "އިއްތިފާގުން" ލައްވާލީ ސަރުކާރުގެ ހަރަދުގައި ލަންކާގެ ފެންވަރު ރަނގަޅު ހޮޓާތަކުގައި ބައިތިއްބާފައި ތިބި ޓީސީ ޓީމުގެ 30 އަކަށް ކުޅުންތެރިންނަށެވެ. އެއަށް ފަހު ސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ އާއިލާތަކަށް އެ ފުރުސަތު ލިބުނު ކަމުގެ ތުހުމަތުތަކެއް ކުރެވެން ފެށި އެވެ.

"ލަންކާ އިންޑިޔާ އިން އަޅުގަނޑު ދަންނަ ބައެއް މީހުން އެބަހުރި އެތަންތަނުގައި ގެ ގަނެގެން ދިރިއުޅޭ. އެ މީހުން ވެސް އެބަތިބި މާލެ ގެނެސްފައި. ހަމަ ސީދާ ސަރުކާރުގެ ވެރިއަކަށް ގުޅާލައިގެން ސީޓުތައް ބުކް ކުރަމުން ދިޔައީ. އެ މީހުންނަށް މި ހާލަތުން ދެމިގަނެވުނު އިރު އަސްލު ހާލުގައި ތާށިވެފައި ތިބި މީހުންނަށް ދެންވާންވީ ކިހިނެތް؟" މަޖިލީހުގެ އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.

މެލޭޝިއާއަށް ފްލައިޓުތައް އަޅަން ފެށިއިރު ނިޒާމް އޮތީ އެއަށް ވުރެ ބޮޑަށް ތަރައްގީކޮށްފަ އެވެ. ޕޯޓަލްއެއްގެ ތެރެއިން ޓިކެޓު ބުކް ކުރެވޭ ގޮތަށެވެ. އެހެން ނަމަވެސް އެކަން ވެސް ގޯހުން ގޯހަށް ހިނގާފައިވާ ކަމުގެ ތުހުމަތުތައް ވަރަށް ގިނަ އެވެ. އަދި މިހާރު މެލޭޝިއާ އިން އައި މީހުންގެ ލިސްޓު ކަމަށް ބުނެ ސަރުކާރުގެ ބައެއް އިސް ފަރާތްތަކުގެ އާއިލާ މީހުން ހިމެނޭ ލިސްޓެއް ވަނީ އާންމުވެފަ އެވެ. އެއީ ރަނގަޅު ލިސްޓެއްތޯ ނުވަތަ ނޫންތޯ ވެސް ސަރުކާރަކުން ނުބުނެ އެވެ. މައުލޫމާތު ފޮރުވުމަކީ ވަކި މުޑުދާރުކަން ކުޑަ ތާހިރު އަމަލެއް ހެއްޔެވެ؟

"ޕޯޓަލް ހުޅުވުމުގެ 30 މިނެޓު ކުރިން އެ ޕޭޖު ރީފްރެޝްކޮށްލަ ކޮށްލާ ހުރީ. ހަމަ ގަޑިއަށް ޕޯޓަލް ހުޅުވުމާއެކު ދެން ބެލިއިރު އެންމެ ފުރަތަމަ ވެސް އެރީ ޖާގަ ފުރިފައިވާ ކަމަށް. ޕޯޓަލް ހުޅުވި އިރު ވެސް ބަޔަކަށް ދީ ބަހާލާފަ އޮތީމަ ނޫނީ އެހާ އަވަހަށް ޖާގަ ފުރެންވީ ކިހިނެތް؟ ދެން ގުޅީމަ ފޯނު ނަގާފަ ވާހަކަ ނުދައްކާ ހުރެ ކަނޑާލަނީ،" މެލޭޝިއާގައި ދިރިއުޅެމުން އަންނަ ދަރިވަރަކު ބުންޏެވެ.

މި ހާލަތުގައި އޮތީި ހަމައެކަނި ބާރުގަދަ މީހުންގެ ނުފޫޒުތަކުގެ މައްސަލަ އެކަންޏެއް ނޫނެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ ސަލާމަތުގެ ނަމުގައި ވައްކަން ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރެން ފަށައިފަ އެވެ. ޓެންޑަ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަދި ކުރިން ސަރުކާރުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހިދުމަތް ކުރެއްވި އިސްމާއިލް ޒަރިއާންދު ގެންދަވަނީ މަޝްރޫއުތަކުގައި ހިނގާ އުސޫލުތަކާ ހިލާފު ކަންކަން ތިލަ ކުރައްވަމުންނެވެ.

"ކުރިން ވައްކަން ކުރީ ރައްޔިތުންގެ މުދަލުން. މިހާރު ވައްކަން ކުރަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި. ކުރިން ވެސް މިހާރު ވެސް ވައްކަން ކުރަނީ ހަމަ އެއް ގްރޫޕެއް،" ޒަރިއާންދު ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކައް ސަމާލުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ކުރިޔަށް އޮތްތަނުގައި އޮތީ އަދި ބައެއް ފަރާތްތައް ކަޅި ޖަހައި ނުލާ ބަލަން ތިބީ ސްޓިމިއުލަސް ޕެކޭޖަށެވެ. ދައުލަތުން ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ބޮޑެތި މާލީ އެހީތެރިކަން ދޭން ނިންމާފައިވާއިރު އެ މަސައްކަތް "ހަ ފުށް" ފެންނަ ގޮތައް ކުރިޔަށް ގެންދަން ޖެހެ އެވެ. އެ ނޫން ނަމަ އިގްތިސާދީ މި ދަތި ހާލުގައި ރައްޔިތުންނަށް ކުރާ ގެއްލުން އިންތިހާއަށް ބޮޑުވާނެ އެވެ.