ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19 ޖެހި ދަރިފުޅާއި ފިރިމީހާ މަރުވީ ތިން ދުވަސްތެރޭ

ކޮރޯނާވައިރަސްގެ ޝިކާރައަކަށްވެ އަންހެނެއްގެ ހުރި އެންމެ ދަރިފުޅާއި ފިރިމިހާ އެންމެ ތިން ދުވަސްތެރޭ މަރުވެ އޭނާ މުޅިން އެކަނިވެއްޖެ އެވެ.

އެމެރިކާގެ މިޗިގަންގައި ދިރިއުޅޭ ސޭންޑީ ބްރައުން މޫނުމަތީ މާސްކް އަޅައި ނޭފަތާއި މޫނު ފޮރުވައިގެން ހުރެ އޭނާގެ ދަރިފުޅާއި ފިރިމީހާއަށް އަލްވަދާއުކީ އަސަރުގަދަ މަންޒަރު ފޭސްބުކް ލައިވް މެދުވެރިކޮށް މަރުވި މީހުންގެ އާއިލާތަކަށް ދެއްކިއިރު އެ ވީޑިއޯ ފެނުނު މީހުން ބެލީ އަސަރާއެކު ރޮމުންނެވެ.

ސޭންޑީ އޭނާގެ ފިރިމީހާ ފްރެޑީ ބްރައުން2 އާއި ދަރިފުޅު ފްރެޑީ ބްރައުން3، 20، ގެ ސަންދޯއްކައިރީގައި ކޮޅަށް ހުރެ ނޫސްވެރިން ކައިރީ ބުނީ އޭނާގެ ހަޔާތުގައި ލިބުނު ދެ ފިރިހެނުން ވެސް ވަކިވެގެން ދިޔައީ ކަމަށާއި މިހާރު އޭނާ ކޮޅަށް ހުރީ ކަލާންގެ ދެއްވި ބާރުގައިކަމަށާއި އޭނާގެ އަމިއްލަ ބާރުގައި ނޫން ކަމަށެވެ.

ކޮންމެ ސަންދޯކެއްގައި އޭނާ ދަނބުކުލައިގެ ޓެޑީ ބެއާ އެއް ބޭއްވި އެވެ. އަދި ދަރިފުޅުގެ ގައިމަތީގައި މިޗިގަން ސްޓޭޓް ޔުނިވަސިޓީގެ އެމެރިކަން ފުޓުބޯޅަ ޓީޝާޓެއް އަޅާލި އެވެ. އެއީ ކުރިޔަށް އޮތް އޯޓަމްގައި އޭނާގެ ދަރިފުޅު ކިޔަވަން ފަށަން ހަޖެހިފައިވާ ޔުނިވަސިޓީ އެވެ.

ކޮރޯނާވައިރަސް ގައިންގަޔަށް އަރާލެއް ފަސޭހަކަމުން އެއްވެސް މީހަކަށް ޖަނާޒާގައި ބައިވެރިވުމަށް ކާރުން ފޭބުމުގެ ހުއްދައެއް ނުލިބުނެވެ. އެހެންވެ ސޭންޑީ އަށް ވެސް އޭނާގެ ފިރިމީހާ އާއި ދަރިފުޅަށް އަލްވަދާއު ކިޔަން ޖެހުނީ ކާރުގައި އިނދެގެންނެވެ.

ސޭންޑީގެ ފިރިމީހާއަކީ މީގެ އަށް އަހަރު ކުރިން ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފައި ހުރި މީހެކެވެ. އެހެންވެ މާޗް މަހުގެ މެދެއްހާ ހިސާބުގައި ކޮވިޑް-19 ޖެހުނުފަހުން އޭނާގެ ހާލު ސީރިއަސް ވަމުން ގޮސް ފަހުން އޮތީ ވެންޓިލޭޓަރު ގުޅާފަ އެވެ. ސޭންޑީގެ ފިރިހެން ދަރިފުޅަށް އެންމެ 20 އަހަރު ނަމަވެސް އޭނާއަކީ ނޭވާހިއްލުމުގެ މައްސަލަ ހުންނަ ޒުވާނަކަށް ވާތީ އޭނާއަށް ބަލި ޖެހުމުން ހާލު ސީރިއަސްވީ އެވެ. ފޭސްޓައިމްގެ ޒަރިއްޔާއިން ސޭންޑީ ދަރިފުޅާ ވާޙަކަ ދައްކާ އޭނާއަށް ލަވަކިޔައިދީ ހަދަ އެވެ. ނަމަވެސް ހާލު ބޮޑުވަމުން ގޮސް އޭނާގެ ބައްޕަ މަރުވިތާ ތިން ވަނައަށް އޮތް ދުވަހު ފްރެޑީ ޖޫނިއާ ވެސް މަރުވީ އެވެ.

ސޭންޑީއަށް އޭނާ 35 އަހަރު ވަންދެން އިނދެގެން އުޅުނު ފިރިމީހާގެ ޖަނާޒާގައި ވެސް ފުރިހަމައަށް ބައިވެރިއެއް ނުވެވުނެވެ. އަދި ހުރި ހަމައެކަނި ދަރިފުޅުގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުވެސް އޭނާއާއެކު ހޭދައެއް ނުކުރެވުނެވެ.

ސޭންޑީގެ ދަރިފުޅަކީ އޭނާގެ "މިރަކްލް ޗައިލްޑް" ކަމަށް ސޭންޑީ ގަބޫލު ކުރެ އެވެ. ސަބަބަކީ އެއީ ކައިވެންޏަށް 15 ވަރަކަށް އަހަރު ފަހުން އުމުރުން 40 އަހަރު ވެސް ވީ ފަހުން ސޭންޑީ އަށް ލިބުނު ދަރިއެއް ވީމަ އެވެ. އޭގެ ކުރިން ދެ ފަހަރު ބަލިވެ އިނދެ ބައިގެން ދިޔަ ނަމަވެސް ކުއްޖަކު ލިބުމުގެ ހުވަފެން ހަގީގަތަކަށްވީ މީގެ 20 އަހަރު ކުރިން ލިބުނު ދަރިފުޅާ އެކުގަ އެވެ. ނަމަވެސް މިއަދު އޭނާއަކީ ފިރިމީހާ އާއި ދަރިފުޅު ގެއްލިފައިވާ އެކަނިވެރިއަކަށް ވަނީ ވެފަ އެވެ.

"އަހަރެންގެ ހިތްދަތިކަމާއި ވޭން ބަޔާން ކޮށްދޭނީ ކިހިނެއްކަމެއް ވެސް އަހަންނަކަށް ނޭނގެ. އެންމެ ތިން ދުވަސް ތެރޭ އަހަރެންގެ ދަރިފުޅާއި ފިރިމީހާ މި ނުރައްކާތެރި ބަލީގައި މަރުވީ. އަހަރެންގެ ދަރިފުޅު ސިއްހަތު ރަނގަޅު، އުފާވެރި ޒުވާނެއްގެ ގޮތުގައި ހުރެފައި ކުއްލިއަކަށް ބަލިވެގެން މަރުވީ އެންމެ ތިން ދުވަސް ތެރޭ،" ސޭންޑީ ބުންޏެވެ.