ބޮލީވުޑް

ލޮކްޑައުންވުމުން ސަލްމާނާއި ޖެކްލީން އެއް ގެއެއްގައި

މުޅި އިންޑިޔާ ބަންދުކޮށްފައި އޮންނަތާ ދެ ތިން ހަފުތާ ވެފައިވާއިރު ބޮލީވުޑް ތަރިން ވެސް އެމީހެއްގެ ގޭގައި އެކިއެކި ކަންކަން މުނިފޫހި ފިލުވަން ދަނީ ކުރަމުންނެވެ. ސަލްމާން ޚާން ލޮކްޑައުންވީ އޭނާގެ ޕާންވެލް ފާމްހައުސްގަ އެވެ. ބޮޑު ރަށެއް ވަރުގެ މި ފާމްހައުސްގައި ސަލްމާނާއެކު ވަގުތު ހޭދަކުރުމަށް އޭނާގެ ކޮއްކޮމެންނާއި އެމީހުންގެ ދަރިން ވެސް ތިބީ އެ ފާމް ހައުސްއަށް އައިހެވެ. ނަމަވެސް އާއިލާގެ މީހުން ފިޔަވައި ފިލްމީ ބަތަލާ ޖެކްލީން ފެނާންޑިސް ވެސް ސަލްމާންގެ ގޭގައި ލޮކްޑައުންވެގެން ހުރި ހަބަރު މީޑިއާތަކުގައި ވަރަށް ހޫނުކަމާއެކު ދަނީ ދެކެވެމުންނެވެ.

ޖެކްލީން އާއި ސަލްމާނަށް ބޮޑުބޭބެ ކިޔާ އާހިލް އާއެކު ފާމްހައުސްގައި ނަގާފައިވާ ފޮޓޮއެއް ސޯޝަލް މީޑިއާގައި ދައުރު ވެފައި ވަނިކޮށް ސަލްމާންގެ ކޮއްކޮ ވަނީ ޖެކްލީންގެ ވީޑިއޯ އެއްވެސް ހިއްސާ ކޮށްފަ އެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ސަލްމާންގެ ގޭގައި ޖެކްލީން ކުރަނީ ކީއްތޯ ސުވާލު އުފައްދާފަ އެވެ.

އިންޑިޔާގެ ނޫހަކުން ބުނަނީ ލޮކްޑައުން އިއުލާން ކުރިއިރުވެސް ސަލްމާންގެ ފާމްހައުސްގައި ޖެކްލީން ދިރިއުޅޭތާ ކިތަންމެ ދުވަހެކެވެ. އެއީ ސަލްމާން ކުޅެމުންދާ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ"ގެ ލަވައެއްގެ ނެށުމެއް ފަރިތަ ކުރަން އޭނާ ގޮސް ހުރީ ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ.

އެ ލަވައިގެ ފަރިތަކުރުންތައް ނުނިމެނީސް ލޮކްޑައުން ވާން ޖެހުމުން އެ ގޭގައި މަޑުކުރަން ޖެކްލީން ނިންމީ ކަމަށް ވެއެވެ.