ބޮލީވުޑް

ނެހާ ކައްކަރް މި ދައްކަނީ ކޮން ވާހަކައެއް؟

ނެހާ ކައްކަރް އަކީ މިހާރު ބޮލީވުޑްގައި އެންމެ ކާމިޔާބު އަދި މަގްބޫލު އެއް ލަވަކިޔުންތެރިޔާ އެވެ. އޭނާގެ ފަހުގެ ލަވަތަކުގެ ތެރެއިން "ގަރްމީ"، "އާންކް މާރޭ"، "އޯ ސާކީ"، "ދިލްބަރް" އަދި "ކާލާ ޗަޝްމާ" އަކީ ޗާޓްބަސްޓާ ލަވަ ތަކެކެވެ.

ހިންދީ ފިލްމުތަކަށް ލަވަކިޔާ މަޝްހޫރު އެހެން ލަވަކިޔުންތެރިންނަށް ލިބޭ ހުރިހާ އެއްޗެއް ނެހާ އަށް ވެސް ލިބެ އެވެ. ނަމަވެސް އޭނާ ބުނަނީ ފިލްމު އިންޑަސްޓްރީން އޭނާއަށް ވަރަށް މަދު ފަހަރަކު ނޫނީ ލަވަ ކިޔުއްވާފަ ފައިސާ ނުދޭ ކަމަށެވެ.

"އަހަރެމެން ކިޔާ ލަވަތަކަކަށް ބޮލީވުޑުން ފައިސާއެއް ނުދޭ. ވާ ގޮތަކީ އެ މީހުންނަށް ހީވަނީ އެ ލަވައެއް ސުޕަހިޓް ވެއްޖެނަމަ އެކި ޝޯތަކުގައި އެ ލަވައެއް ކިޔައިގެން އަހަރެމެންނަށް ވަރަށް ގިނަ ފައިސާ ލިބޭނޭ،" އިންޑިޔާގެ ނިއުސް އެޖެންސީއަކަށް ނެހާ ބުނެފައި ވެއެވެ.

ނެހާ، 31، ބުނާ ގޮތުގައި ކޮންސެޓްތަކުގައި ލަވަކިޔައިގެންނާއި އެނޫންވެސް ގޮތްގޮތުން އޭނާއަށް ފުދޭ ވަރެއްގެ ގިނަ އަދަދެއްގެ ފައިސާ ލިބެ އެވެ. ނަމަވެސް ބޮލީވުޑުން އޭނާ ކިޔާ ލަވަތަކަށް ފައިސާ ދޭކަށް ބޭނުމެއް ނުވެ އެވެ.

"އަހަރެމެން ލައްވާ ލަވަ ކިޔުއްވާފަ އެމީހުން ފައިސާއެއް ނުދޭ،" ނެހާ ބުންޏެވެ.

ނެހާ އެންމެ ފަހުން ކިޔާފައިވަނީ ރެޕާ ޔޯ ޔޯ ހަނީ ސިންގް އާއެކު ކީ ލަވަ އެކެވެ. "މޮސްކޯ ސޫކާ" އަކީ ޕަންޖާބީ އަދި ރަޝިޔާ ބަހުގެ މިކްސް އެކެވެ. މި ލަވައިގެ ރަޝިޔާ ބައި ކިޔައިދީފައިވަނީ އެކްޓަރީނާ ސިޒޯވާ އެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ނެހާ އަކީ ވަރަށް ގިނަ ސިގިން ރިއަލިޓީ ޝޯތަކުގައި ފަނޑިޔާރުކަން ވެސް ކުރާ ފަންނާނެކެވެ.