ހަބަރު

ވައްކަމަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

Apr 14, 2020

މިދިޔަ މަހު ބިޒް މޮބައިލް ފިހާރަ ފަޅާލައި ވައްކަންކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

އެ ވައްކަން ކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު އެވެ. އެ ފިހާރައިން 75،000 ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވެ އެވެ. އެ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން 62،000 ރުފިޔާ ވަނީ ހޯދައި ވެރިފަރަތާ ހަވާލުކޮށްފަ ކަމަށް ފުލުހުން ބުނެ އެވެ.

ބާކީ ހުރި ތަކެތި ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާއިރު މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ އަނެއް ދުވަހު ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފިހާރައިން ވައްކަންކުރި ކަމަށް ދެމީހުން ވެސް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ދެ މީހުންގެ ތެރެއިން ފިރިހެން މީހާއަކީ ކަރަކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމައުއަށް ދޫކޮށްލާފައި ހުރި މީހެކެވެ. އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި އޭނާ ނުހިފީ ކަމަށް ބަލައި އޭނާ ކަރެކްޝަނަލް ސާވިސްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.