ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ދޫކުރަން ކަނޑައެޅި ފައިސާގެ އަދަދު ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ފޮނުވައިފި އެވެ.
މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ކަނޑައަޅާ ފައިސާއަކީ ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދު ކަމަށެވެ.
އަމީރު ވިދާޅުވީ މި އަހަރަށް ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރީ 30 ބިލިއަން ރުފިޔާ ކަމަށް ވިޔަސް ކޮވިޑް-19 އިގެ ސަބަބުން ދައުލަތަށް މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 15 ބިލިއަން ރުފިޔާ ކަމަށެވެ. ކައުންސިލްތަކުގެ ބަޖެޓް ކުޑަ ކުރަން މަޖިލީހަށް ފޮނުވީ އެހެންވެގެން ކަމަށެވެ.
އެންމެ ފުރަތަމަ ބަޖެޓުން ދޫކުރަން ކައުންސިލްތަކަށް ކަނޑައެޅި އަދަދަކީ 1.6 ބިލިއަން ރުފިޔާ އެވެ. މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވަނީ އެ އަދަދު 863 މިލިއަން ރުފިޔާއަށް ކުޑަ ކުރާށެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދުގެ ރިކަރެންޓް ހަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށާއި ދައުލަތުގެ އެންމެ އިސް މަގާމުތަކުގެ މުސާރަތައް ވެސް ކުޑަކޮށްފައިވާ ކަމަށެވެ.
ނަމަވެސް ބައްޔާ ގުޅިގެން ހެލްތު ސެކްޓާއަށް ހަރަދުތައް އިތުރުވާނެ އެވެ. މި ގޮތުން ހެލްތު މިނިސްޓްރީ އާއި ފުލުހުންނާއި އެމްއެންޑީއެފް އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ބަޖެޓަށް ގާތްގަނޑަކަށް 280.5 ރުފިޔާ މިހާތަނަށް އިތުރުކޮށްފައިވާނެ އެވެ. އޭގެ ތެރެއިން 230 މިލިއަން ރުފިޔާ އަކީ މިނިސްޓްރީގެ ބަޖެޓަށް އިތުރު ކުރި ފައިސާއެ އެވެ.
ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ދަށްވެފައިވާތީ ދައުލަތުން ކުރަން ޖެހޭ އިތުރު ހަރަދުތަކާ އެކު ދައުލަތުގެ ދަރަނި 67 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.