ޝާހިދު ކަޕޫރު

"ކަބީރް ސިންގް": 12 އަހަރަށްފަހު ޝާހިދުގެ ފުރަތަމަ ހިޓް

މިދިޔަ އަހަރު ރިލީޒްކުރި "ކަބީރް ސިންގް" އާއެކު ޝާހިދު ކަޕޫރުގެ މަގްބޫލުކަން އަނެއްކާ ވެސް އެތައް ގުނައަކަށް ވަނީ އިތުރުވެފަ އެވެ. ނަމަވެސް މިއީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ ފިލްމަކަށް ކާމިޔާބު ނުލިބި އޮތުމަށްފަހު އެކަށީގެންވާ ކާމިޔާބެއް ލިބުނު ފުރަތަމަ ފިލްމެވެ.

ޝާހިދު މީގެ 17 އަހަރު ކުރިން ފިލްމީ ކެރިއަރު ފެށީ އަމްރިތާ ރާއޯ އާއެކު "އިޝްގް ވިޝްގް" އިންނެވެ. އެ ދުވަސްވަރު ބޮލީވުޑްގެ "ޗޮކްލެޓް ބޯއި" ގެ ގޮތުގައި އޭނާ ޓީންއޭޖް ފުރައިގެ އަންހެންކުދިންގެ ހިތުގެ ތެޅުމަށް ވިއެވެ.

ޝާހިދުގެ ކިބައިގައި ކާމިޔާބު އެކްޓަރަކަށް ވުމުގެ ހުރިހާ ކަމެއް ފުރިހަމައަށް ހުއްޓެވެ. ރީތި ސޫރަ އާއި މޮޅު އެކްޓިން އަދި ނެށުމަށް މޮޅު ކަމެވެ. ނަމަވެސް މިއީ ޝާހިދުގެ ކެރިއަރަށް މާ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ކަންކަމަކަށް ނުވެ އެވެ. ހާލަކުން ފިލްމަކަށް ނޫނީ ފާހަގަ ކޮށްލެވޭ ވަރުގެ ކާމިޔާބެއް ލިބިފައި ނުވާތީ އެވެ.

"ކަބީރް ސިންގް"ގެ ކުރިން ކާމިޔާބު ފިލްމެކޭ ބުނާ ވަރުގެ ކާމިޔާބު ފިލްމަކަށް ޝާހިދު އަށް ކުޅެވިފައިވަނީ 2007 ގައި ކަރީނާ ކަޕޫރާއެކު ކުޅުނު "ޖަބް ވީ މެޓް" އެވެ. އޭގެ ފަހުން ނުކުތް ޑައިރެކްޓަރު ޕްރަބޫދޭވާގެ "އާރް ރާޖްކުމާރު"، "ކަމީނޭ" "ހައިދަރް"، "އުޅްތާ ޕަންޖާބު"، "ޕަދްމާވަތު" ފަދަ ފިލްމުތައް ހިނގިޔަސް ބޮޑު ކާމިޔާބެއް އެއްވެސް ފިލްމަކަށް ނުހޯދެ އެވެ.

"ޕަދްމާވަތު" ފަދަ ފިލްމުތައް 300 ކްރޯޑަށް ވުރެ ގިނައިން ހޯދިޔަސް އެ ފިލްމުގެ ބަޖެޓު ވެސް ހަމަ އެހާ ބޮޑެވެ. އަނެއްކާ އެ ފިލްމުގައި ބަތަލަކީ ހަގީގަތުގައި ރަންވީރު ސިންގް އެވެ.

އެހެންވީމާ ޝާޙިދުގެ ކެރިއަރަށް ފައިދާއެއް ކުރާ ކަހަލަ ފިލްމަކަށް މި ފާއިތުވީ 12 އަހަރު ތެރޭ ރިލީޒްވީ ހަމައެކަނި "ކަބީރް ސިންގް" ކަމަށް ބަލަން ޖެހެނީ އެވެ.

އެންމެ 60 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް 278 ކްރޯޑުގެ ވިޔަފާރިއެއް ވެފައި ވެއެވެ. "ކަބީރް ސިންގް"ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. މިހާރު ޝާހިދު ސޮއިކޮށްފައި އޮތީ އެންމެ ފިލްމެކެވެ. އެއީ މުރްނާލް ޓާކޫރް ބަތަލާގެ ރޯލު އަދާކުރާ ޑައިރެކްޓަރު ގޯތަމް ޓިންނަނޫރީގެ "ޖާޒީ" ކިޔާ ސްޕޯޓްސް ޑްރާމާ އެކެވެ.