ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލެއިން ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

Apr 15, 2020
22

މާލޭގައި ހުންނަ އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ކަށަވަރުކޮށްދީފި އެވެ. މިއީ ވެރިރަށް މާލެއިން މި ބަލި ޖެހުނު މީހަކު އަދި ދިވެއްސަކު ފެނުނު ފުރަތަމަ ފަހަރެވެ.

އެޗްޕީއޭއިން ބުނީ މާލެ ފުލޫ ކްލިނިކަށް ދައްކަން ދިޔަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް، އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

މިހާތަނަށް ރާއްޖެއިން ދިވެހިންގެ ހަ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިއީ މީހުން ދިރިއުޅޭ ސަރަހައްދަކުން އެ ވައިރަހަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެ ބަލި ޖެހުނު މީހުންނަކީ ރާއްޖޭން ބޭރުން އައިފަހުން، އެ ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުނެވެ.

ކޮވިޑް-19 މުޖްތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ، 96،000 އަށް މީހުންނަށް އެ ބަލިޖެހުމުގެ ފުރުސަތު އޮތްކަމަށް އެޗްޕީއޭއިން ކުރި ދިރާސާއެއްގައި ވަނީ ބުނެފަ އެވެ.

ނޫސްވެރިންގެ ބައްްދަލްވުމުގައި ކޮވިޑް-19 މުޖްތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލާ ތައްޔާރު ކޮށްފައިވާ ދިރާސާއެއްގައި ހިމެނޭ އަންދާޒާތަކެއް ވަނީ ހިއްސާ ކޮށްފަ އެވެ. މިއީ މި ބައްޔާ ބެހޭގޮތުން އެސްޓިމޭޓް ހަދަން ތައްޔާރު ކޮށްފައިވާ މޮޑެލްއެއް ބޭނުން ކޮށްގެން ދިވެހި އެކްސްޕާޓުން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ނަންބަރުތަކެއް ކަމަށް ވެސް އެންއައިއޯސީއިން ބުނެފައި ވެއެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ މި ބަލި 96،000 ވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށެވެ. އެގޮތުން މާލެ ސަރައްދުން އެކަނި ވެސް 46،000 ވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ މުޖްތަމައުގެ މީހަކަށް މި ބަލި ޖެހޭތާ 45 ނުވަތަ 50 ދުވަހުގެ ތެރޭގައި ބަލި "ޕީކް" އަށް ދާނެ ކަމަށާއި އެހާ ހިސާބުން ދުވާލެއްގެ މައްޗަށް 5،000 ވުރެ ގިނަަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް ދިރާސާއިން ދައްކާ ކަމަށެވެ.

އޭނާ ވިދާޅުވީ ފިޔަވަޅު އެކަށީގެންވާ ގޮތެއްގައި އަޅައިފިނަމަ މި އަދަދުތައް ބޮޑުތަނުން މަދު ކުރެވޭނެ ކަމަށާއި ސާފު ތާހިރު ކަމަށް އިސްކަން ދިނުމާއި، މީހުން އެއްވެ އުޅުން ހުއްޓުވުމާއި، ސަރުކާރާ އޮފީސްތައް ބަންދުކޮށް ބަލި ފެތުރުން ހުއްޓުވުމަށް ފިޔަވަޅު އަޅައިފިނަމަ ނުކުންނާނެ ނަތީޖާތައް ވެސް ދިރާސާއިން ހޯދާފައިވާ ކަމަށެވެ.

މީގެ އިތުރުން ބަލި ފެތުރިއްޖެ ހާލަތެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ މީހުންގެ އަދަދާއި، ހާލަތު ސީރިއަސް ވެގެން އައިސީޔޫގައި ފަރުވާދޭން ޖެހޭނެ މީހުންގެ ނިސްބަތާ، އަދި އެ ހާލަތުގައި ބަލީގެ ސަބަބުން މަރުވާނެ މީހުންގެ އަދަދު ވެސް މި ދިރާސާގައި ހިމަނާފައި ވެއެވެ.