ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ: ލޮކްޑައުންގެ ތެރެއިން ދަނޑުވެރިކަމަށް ލުއިތަކެއް

Apr 15, 2020

ނިއު ދިއްލީ (އޭޕްރީލް 15) - ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވީ ނަމަވެސް، ދަނޑުވެރި ކަމަށް ހާއްސަ ލުއިތަކެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އެކާވީސް ދުވަހަށް ލޮކްޑައުން ކުރި ކުރުން ރޭ ދަންވަރު 12:00 އިގެ ނިޔަލަށް ހަމަވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ، ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފައި އެވެ.

ނަމަވެސް، އިންޑިއާގެ އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ލޮކްޑައުންގެ ތެރޭގައި ދަނޑުވެރިކަމުގެ އިތުރުން ބޭންކުތަކާއި ޕަބްލިކް ވާކްސްގެ ހިދުމަތަށް ލުއިތަކެއް ދޭން ވަނީ ނިންމައިފަ އެވެ.

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 10،000 އާ ގާތްކުރާއިރު، އޭގެ ތެރެއިން 330 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ލޮކްޑައުން ކުރުމާއެކު، އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން ހާއްސަކޮށް ފަގީރުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ބަންދުވެ، އެ މީހުން ބަނޑަށްޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އެ ގޮތުން، ދުވަހު މަސައްކަތުގައި އުޅޭ އެތަކެއް ހާސް މީހުން، އެ މީހުން ދިރިއުޅޭ އަވަށްތަކަށް އެތައް ސަތޭކަ ކިލޯ މީޓަރެއް ފައި މަގުގައި ދިޔުމަށް ވަނީ މަޖުބޫރުވެފަ އެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، އިންޑިއާ ސަރުކާރުން ވަނީ އެގައުމަށް އަންނަ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތަކެއް އައުން މަނާކޮށްފަ އެވެ. އަދި ކާބޯތަކެއްޗާއި ބޭސް ފިހާރަތަކެއް ފިޔަވައި، ސްކޫލްތަކާއި ކޮލެޖުތަކާއި ސިނެމާ ފަދަ ތަންތަން ބަންދުކުރަންވެސް ވަނީ އަންގައިގަ އެވެ. އޭގެ އިތުރުން، ސިޔާސީ އަދި ދީނީ އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފަ އެވެ.

އެހެނަސް، ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު، ދަނޑުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި ދުވަހު މަސައްކަތުގައި އުޅޭ ގިނަ މީހުން މަސައްކަތްކުރާ ޕަބްލިކް ވާކްސް ހިދުމަތާއި ބޭންކުތައް އޮޕަރޭޓްކުރުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދީފަ އެވެ.